ލާހޯރު (29 އޮކްޓޯބަރު 2022): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން އިސްކޮށް ހުންނަވައިގެން އޭނާއަށް ތާއީދުކުރާ އެތަށް ލައްކަ ބަޔަކާއެކު ލާހޯރުން އިސްލާމް އާބާދަށް ހިނގާފައި ދިޔުމުގެ ދަތުރެއް ފަށައިފިއެވެ.
ތިން ސަތޭކަ އައްޑިހަ ކިލޯމީޓަރުގެ މިދަތުރު އިސްލާމް އާބާދަށްގޮސް ނިންމާލުމަށް ދެހަފުތާ ނަގާނެކަމަށް ވަނީ ބެލެވިފައެވެ. މި ހިނގާލުން ބާއްވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ޕާކިސްތާނުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނެވެ. ލާހޯރުން އިސްލާމް އާބާދަށް ހިނގާފައިކުރާ 380 ކިލޯމީޓަރުގެ ދިގު ދަތުރުގައި ޕާކިސްތާނުގެ އެކި އަވަށްތަކާއި ވިލެޖްތަކުން މި ގާފިލާގައި މީހުން ބައިވެރިވަމުންދާނެއެވެ. އެގޮތުން އިސްލާމް އާބާދާ ކައިރިވާއިރު މި ގާފިލާގައި މަދުވެގެން ހައެއްކަ ލައްކަ މީހުން ތިބޭނެކަމަށް އިމްރާންޚާނުގެ ޕާޓީން އަންދާޒާ ކުރެއެވެ.
ޕާކިސްތާނުގައި ހަމަޖެހިފައިވާ ގޮތުން އާންމު އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. ނަމަވެސް ޕާކިސްތާނުގެ މިހާރުގެ ސަރުކާރަކީ އިމްރާން ޚާންގެ އިންތިޚާބީ ސަރުކާރު ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ވައްޓާލުމަށްފަހު އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދައިގެން އުޅޭ ސަރުކާރަކަށްވާތީ އަވަސް އިންތިޚާބެއް ބާއްވައިގެން ރައްޔިތުން އެދޭ ސަރުކާރަކުން ވެރިކަން ކުރުން ނޫންގޮތެއް ގަބޫލުނުކުރާނެކަމަށް އިމްރާންޚާން އާއި އޭނާގެ ސަޕޯޓަރުން ބުނެއެވެ.
އިމްރާން ޚާން ގެ ސަރުކާރު ވައްޓާލީ ޕާކިސްތާނުގެ އެންމެ ކޮރަޕްޓް ދެޕާޓީކަމަށްވާ ޕީޕީޕީ އާއި މުސްލިމް ލީގު ނަވާޒު ޕާޓީ ގުޅިގެން އޭގެތެރެއަށް ޚުދު އިމްރާންޚާންގެ ޕާޓީގެ ބައެއް މެންބަރުންވެސް ވައްދައިގެންނެވެ.
އެމީހުން ވެއްދީ ރިޝްވަތުގެ އެހީގައި ކަމަށް ބުނެވެއެވެ. އެންމެ ކޮރަޕްޓް ދެޕާޓީ އެއްވެގެން އިމްރާންޚާންގެ ވެރިކަން ވައްޓާލީ ޕާކިސްތާނުގެ އަސްކަރިއްޔާވެސް އަޑީގައި އޮވެގެން އަދި ޕާކިސްތާނަށް ބާރާއި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ގައުމެއްކަމަށްވާ އެމެރިކާގެ މަދަދުވެސް ލިބިގެން ކަމަށް އިމްރާންޚާން ތުހުމަތު ކުރައްވައެވެ.
ޕާކިސްތާނުގައި މިހާރު ވެރިކަން ކުރަނީ އެގައުމުގެ އެންމެ ބޮޑު ދެޕާޓީކަމަށްވާ ޕީޕީޕީ އާއި މުސްލިމް ލީގު ނަވާޒު ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނަކުންނެވެ. މިދެޕާޓީގެ ލީޑަރުންނާއި އިސް ފަރާތްތަކަކީ ކޮރަޕްޝަންގެ މައްސަލަތައް ސާބިތުވެގެން އެއްފަހަރަށްވުރެ ގިނަ ފަހަރު ޖަލުގެ ހުކުމްތައް ތަންފީޒުކޮށްފައިވާ ފަރާތްތަކެވެ.
މި ކޯލިޝަން ސަރުކާރުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފުގެ ކޮއްކޯފުޅު ޝެހެބާޒު ޝަރީފު ހުވައިކުރެއްވީވެސް އޭނާގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް ކޯޓުގައި ކުރިއަށްދާތީ ކޯޓުގެ ހުއްދައެއް ހޯދައިގެންނެވެ.
އަނެއްކޮޅުން ނަވާޒް ޝަރީފު މިހާރުވެސް ހުންނެވީ ކޮރަޕްޝަނުގެ މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމެއްގައެވެ. ޖަލު ހުކުމް އޮތްނަމަވެސް ފަރުވާއަށްޓަކައި ނަވާޒް ޝަރީފު އުޅުއްވަނީ ލަންޑަނުގައެވެ. ޕީޕީޕީގެ ލީޑަރު އާސިފް އަލީ ޒަރުދާރީއަކީވެސް ކޮރަޕްޝަނާއި މަނީ ލޯޑަރިންގެ މައްސަލާގައި އެތަށް އަހަރެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީޕީޕީ އާއި މުސްލިމް ލީގު ނަވާޒު ޕާޓީ އަކީ ޕާކިސްތާނުގެ އެންމެ ބޮޑު ދެޕާޓީކަމަށްވިޔަސް ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ޕާކިސްތާނު ރައްޔިތުންގެ ގިނަބައެއްގެ ތާއީދު މިހާރު އެދެޕާޓީއަކަށް ނެތެވެ. އެންމެފަހުން ބޭއްވި އިންތިޚާބުގައި އެދެޕާޓީގެ މައްޗަށް އިމްރާންޚާންގެ ތަހުރީކޭ އިންސާފު ޕާޓީއަށް ކާމިޔާބު ލިބުނީވެސް މިކަމާގުޅިގެން ކަމަށްވަނީ ބެލެވިފައެވެ.