މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެޕަލް ކުންފުންޏަށް ލިބުނު އާމްދަނީގެ ނަތީޖާއިން އެ ކުންފުނީގެ ވިޔަފާރި އާދަޔާ ޚިލާފަށް އިތުރުވެފައިވާކަން ދައްކައިފިއެވެ.
ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ގިނަ ކުންފުނިތަކަށް ވެސް ގެއްލުން ލިބެމުންދާއިރު، އެޕަލްއިން ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
މީގެ ކުރިން އެނެލިސްޓުން ލަފާކޮށްފައިވާ ގޮތާ އެއްގޮތަށް، އައިފޯނުގެ އާމްދަނީ ހިމެނޭ ގޮތަށް މުހިއްމު ބައެއް ދާއިރާތަކުން އެޕަލްއަށް ލިބުނު ފައިދާ ވަނީ ދަށްވެފައެވެ.
އެޕަލްގެ މެކް ލައިނަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާއިރު، އެ ލައިންގެ އާމްދަނީ 25 ޕަސެންޓަށް އަށްވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
އެޕަލްއަށް މިދިޔަ ކުއާޓަރުގައި 90.1 ބިލިއަން ޑޮލަރު ލިބުނު އިރު އެ ކުންފުންޏަށް މަންފާގެ ގޮތުގައި 20.7 ބިލިއަން ޑޮލަރު ލިބުނެވެ. އެއީ މިދިޔަ އަހަރުގެ އެ ކުއާޓަރާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. އެޕަލްއަށް ސާފު ފައިދާގެ ގޮތުގައި ހިއްސާއަކަށް 1.29 ޑޮލަރު ލިބިފައިވާއިރު، މިއީ އެވްރެޖްކޮށް ހިއްސާއަކަށް ލިބޭނެކަމަށް އެނަލިސްޓުން ލަފާކުރި 1.27 ޑޮލަރަށް ވުރެ ބޮޑު ފައިދާއެކެވެ.
އެޕަލްގެ ފޯނުތަކުން ލިބުނު އާމްދަނީވެސް 9.67 ޕަސެންޓް އިތުރުވެ، އާމްދަނީގެ ގޮތުގައި 43.21 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އެޕަލްގެ ޗީފް ފައިނޭންޝަލް އޮފިސަރު ލޫކާ މެއެސްޓްރީ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިފޯނު ވިއްކީ ރެކޯޑް އަދަދަކަށް ކަމަށާއި، މިއީ އެކުންފުނިން ހީކުރި މިންވަރަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ.
އައިފޯންގެ ވިޔަފާރި އެޕަލްއިން އިތުރުކުރަން ވިސްނާއިރު، އެފަދަ ވިޔަފާރިތައް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކެނަލިސް އިން ދާދިފަހުން ހާމަކުރި ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރު ތެރޭގައި ދުނިޔޭގެ ސްމާޓްފޯން މާކެޓް ދަށްވެފައިވާ ކަމަށް ބެލެވެއެވެ.
އެޕަލްގެ އެހެން ބައެއް އުފެއްދުންތަކަށް ބަލާއިރު، އެޕަލްގެ ޓެބްލެޓްގެ އާމްދަނީ 13.06 ޕަސެންޓް ދަށްވެ، 7.17 ބިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، މިއީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ.
ދިރާސާކުރާ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި، އެޕަލްއަށް މި ލިބުނު ކުރިއެރުމަކީ މެކް ވިޔަފާރި އާދަޔާޚިލާފަށް ކުރިއަރައިގެން ދިޔުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.
އެޕަލް ވޮޗާއި އެއާޕޮޑްސް ހިމެނޭ ގޮތަށް އެޕަލްގެ އެހެން އުފެއްދުންތަކުގެ ވިޔަފާރި ގާތްގަނޑަކަށް 10 ޕަސެންޓް އިތުރުވި ނަމަވެސް މިބާވަތުގެ އުފެއްދުންތަކުގެ ވިޔަފާރިން ކުންފުންޏަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ގެއްލުނެވެ.