ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައި ކެއާއިން ޚާއްސަ ހަރަކާތެއް

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދުނިޔޭގެ ފެނުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައި ކެއާ މޯލްޑިވްސްއާއި މޯލްޑިވްސް ޑައިބެޓިކް އެސޯސިއޭޝަން ގުޅިގެން މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މިއަދު ހަވީރު 04:00އިން 06:00ކާ ހަމައަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރެޖިސްޓާ ވެގެން ލޮލުގެ ސިއްހަތު ސްކްރީން ކުރުމާއި، ލޯ އަދި ޑައިބެޓިކްސްއަށް ޚާއްސަ ޑޮކްޓަރުންނާ ސުވާލުކޮށް، ކުރިއަށް އޮތް ހަފުތާއަށް އައިކެއާ އިން އެޕޮއިންޓްމަންޓް ހައްދާ، ލޮލުގެ ސިއްހަތާ ބެހޭ މުހިންމު މައުލޫމާތު ފޯރުކޮށްދިނެވެ.

މީގެ އިތުރުން، މި ހަރަތާކުގައި ލޮލުގެ ނަންބަރު ނެގުމުގެ އިތުރުން ހަކުރު ހުރި މިންވަރު ޓެސްޓުކޮށްދިނެވެ.

ލޯ ސްކްރީން ކުރުމުގައި ބައިވެރިވުމުން އައި ކެއާގެ ގިފްޓް ވައުޗާއެއް ދިންއިރު، ހިލޭ ލޯ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ވެސް ދިނެވެ. އަދި ސްކްރީނިންގައި ބައިވެރިވި މީހުންގެ ތެރެއިން ތިން ނަސީބުވެރިއެއް ހޮވާ، އެ ތިން ނަސީބުވެރިންނަށް ވެސް އައިކެއާއިން ވަނީ އިނާމުތަކެއް ހުށަހަޅާފައެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ހަރަކާތް ކުރިއަށްދިޔަ ވަގުތު، ހަރަކާތުގެ ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ވެސް އިނާމެއް ހާސިލްކުރުމުގެ ފުރުސަތު އައިކެއާއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން ސޯޝަލް މީޑިއާއިން އައި ކެއާ ފޮލޯކުރުމަށްފަހު ހޭޝްޓެގް ލަވް ޔުއާ އައިސް ޖަހާ، ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ނަސީބުވެރިއަކަށް އަވި އައިނެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަސީބުވެރިއަކު އިއުލާނުކުރާނީ އަންނަ އާދިއްތަ ދުވަހުއެވެ.

މި ހަރަކާތާ ގުޅިގެން އައި ކެއާގެ މާކެޓިން އެންޑް ބިޒްނަސް ޑެވެލޮޕްމަންޓް މެނޭޖާ އަޒްމާ އަބްދުލް ފައްތާހު ވިދާޅުވީ، މި ހަރަކާތަކީ ލޮލުގެ ސިއްހަތާގުޅޭގޮތުން މީހުންނަށް މައުލޫމާތުދީ ލޯ ސްކްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ.

"އަޅުގަނޑުމެން މި ލެވެލްގަ ބާއްވާ ފުރަތަމަ އިވެންޓް މީ. މީގެ ކުރިން ވެސް ހުންނާނެ ރަށްރަށުގަ ވެސް އިވެންޓްތައް ބާއްވާފަ" އޭނާ ވިދާޅުވިއެވެ.

އަޒްމާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި މިފަދަ ގިނަ ހަރަކާތްތަކެއް ބޭއްވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް