އަބްދުﷲގެ މަރު: އިންސާފުވެރި ތަހުގީގެއް ކުރުމަށް ރައީސް އަންގަވައިފި

ރައީސް ޞާލިހުއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ،ގެ އިތުރުން ފުލުހުންގެ ކޮމިޝަނަރު، މުޙައްމަދު ހަމީދު، ހަފްލާއެއްގެ ތެރެއިން-- ފޮޓޯ/ ފުލުހުން

ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި، އަބްދުﷲ ރަޝީދުގެ މަރުގެ ހާދިސާ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަންގައިފިއެވެ.

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫން ހައްޔަރުކުރި، އަބްދުﷲ ރަޝީދު އަންގާރަ ދުވަހު މަރުވީ ހައްޔަރުކޮށް އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެވަގުތު އެތަނުގައި ތިބި އާއިލާ މެންބަރުން ބުނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ އެ މަރުގެ ކަން ހިނގައިދިޔަގޮތް ރަނގަޅަށް ތަހުގީގު ކުރުމަށް ރައީސް، ހޯމް މިނިސްޓަރަށް އަންގަވާފައިވާ ކަމަށެވެ.

"މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުން،" މިއުވާން ވިދާޅުވިއެވެ.

https://sun.mv/169711

އެ ހާދިސާ ހިނގި ދުވަހު މިނިސްޓަރު އިމްރާން ވިދާޅުވީ އެކަން ރަނގަޅަށް ބައްލަވައި އެކަމުގައި ފުލުހުންގެ އިހުމާލެއް އުޅޭނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އަބްދުﷲ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމައިފައެވެ. އެކަމާ އޭނާގެ އާއިލާއިން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ވީހާވެސް އަވަހަކަށް ވަޅުލުމަށް ހަށިގަނޑު ދިނުމަށް އެދި އާއިލާއިން އަންނަނީ އާދޭސް ކުރަމުންނެވެ.

މި މަރުގެ މައްސަލަ ފުލުހުންނާ ގުޅިގެން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ކުރަމުން އަންނައިރު އެ ކޮމިޝަނުން ވެސް ބުނީ އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ.

އަބްދުﷲގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް އެދި އެ އާއިލާއިން ވަނީ ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ. ކޯޓުން އަދި އެކަމާމެދު ވަކި ގޮތެއް ނުނިންމައެވެ.

އަބްދުﷲގެ މަރާ ގުޅިގެން އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު ފުލުހުން ބުނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާ ކަމަށެވެ.

comment ކޮމެންޓް