ހަގީގީ ބާއްޖަވެރިކަމަކީ ﷲ އެންގެވިގޮތް އިޚުތިޔާރު ކުރުމުން އިންސާނާގެ ހިތުގައި ލައްވާ އުފާވެރިކަމުގެ ޝުއޫރެއް: ޚުތުބާ

ޚުތުބާގައި ބުނީ ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަން ހަރުދަނާ ވުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަގީގީ ބާއްޖަވެރިކަމަކީ އިންސާނާ، ﷲ އަށް އީމާންވެ އެކަލާނގެ އެންގެވި ގޮތް އިޚުތިޔާރު ކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވުމުން ﷲ އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި، އުފާވެރިކަމުގެ ޝުއޫރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހަގީގީ ބާއްޖަވެރިކަން"، މި މައުލޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. އަދި އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގު ދީފައި ގަނެވޭނެ އެއްޗެއް ކަމުގައި ވީނަމަ އެކަން ކުރާނެ ކަން ކަށަވަރު ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މީސްތަކުންގެ ޚިޔާލާއި ފިކުރު ތަފާތުވެފައިވާ ފަދައިން ބާއްޖަވެރިކަން މާނަކުރުމުގައި ވެސް މީހުންގެ ވިސްނުން ތަފާތު ކަމަށެވެ.

"އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރި ކަމަކީ މުއްސަނދިކަން. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ހާސިލުވުން. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ހާސިލުވުން. ނުވަތަ މަތީ މަގާމަކާ ހަމައަށް ވާސިލުވުން. ނުވަތަ އެކި ރޮނގުރޮނގުން ކާމިޔާބީތައް ހާސިލުވުން،" ޚުތުބާގައި ބުންޏެވެ.

"ނަމަވެސް އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ހަމައެކަނި މިއީ ހެއްޔެވެ؟ މުދާވެރިވުމަކީ ހަމައެކަނި ބާއްޖަވެރިކަމެއް ކަމުގައިވީ ނަމަ ގާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށް ވާނެ ނޫން ހެއްޔެވެ."

ޚުތުބާގައި ބުނީ ދުނިޔެމަތީގައި ކިތަންމެ ބޮޑު ބާރެއް، މަތިވެރި ޖާހެއް ލިބުނަސް، ﷲ އަށް އީމާން ނުވާނަމަ އެއީ ހަގީގީ ބާއްޖަވެރިކަމެއް ނޫން ކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް މާއްދީ ގޮތުން ހާސިލްކުރެވޭނެ އެއްޗެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަން ހަރުދަނާ ވުން ކަމަށެވެ.

"މާތް ﷲ އަށް އީމާންވުމުގެ މާނައަކީ އެކަލާނގެއީ އެއްކައުވަންތަ އިލާހުކަމާއި، ބައްލަވާވޮޑިގެންވާ އަދި އައްސަވާވޮޑީގެންވާ ރަސްކަލާންގެ ކަމާއި، އެ ކަލާނގެ މެނުވީ ހައްގުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަން ހިތުން ތެދުކޮށް ކަށަވަރުކޮށް ގަބޫލުކުރުން. އޭރުން އެމީހަކަށް ހަމަޖެހުމާއި އުފާވެރިކަން އިހުސާސް ކުރެވޭނެ،" ޚުތުބާގައި ބުންޏެވެ.

ހިތްހަމަ ޖެހުންވަނީ ﷲ އަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންގަތުމުން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑި ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި ބުރަ މަސައްކަތް ކުރަނީ އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން އެކިއެކި ކަންކަމުގައި އަވަދިނެތި މަޝްޣޫލުވެ އުޅޭއިރު ބާއްޖަވެރިކަން ދެއްވުމަށް ވައުދުވެވޮޑިގެންނެވި މާތް ﷲ ހަނދުމަކުރުމަށް ވެސް ހަނދާނެއް ނުހުންނަ ކަމަށް ޚުތުބާގައި ބުންޏެވެ.

"އެކަލާނގެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަރުޟު ފަސް ނަމާދު މަތިން ވެސް ހަނދާނެއް ނުހުރޭ. މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދު. ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް، ބާއްޖަވެރިކަން ލިބޭނީ ކިހިނަކުން؟" ޚުތުބާގައި ބުންނެވެ.

މިއަދުގެ ޚުތުބާގައި ވަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ ބާއްޖަވެރިކަމުގެ ދެ އަސާސް ކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެހައި މުސްލިމުތަކުންނަށް ވަސިއްޔަތްކޮށް ނަސޭހަތްތެރިވެފައެވެ.

"ބާއްޖަވެރިކަން ލިބިގެންވާ މީހާގެ ސިފަތައް ބަޔާންކުރައްވަމުން އިބްނުލް ގައްޔިމު ރަހިމަހު ﷲ ވިދާޅުވެފައިވެއެވެ. އޭނާއަށް ނިއުމަތެއް ލިބިއްޖެނަމަ، ޝުކުރުވެރިވާނެއެވެ. އަދި އޭނާއާ އިމްތިހާނެއް ކުރިމަތިވެއްޖެނަމަ ކެތްތެރިވާނެއެވެ. އަދި އޭނާއަށް ކުށެއް ކުރެވިއްޖެނަމަ އިސްތިޣްފާރު ކުރާނެއެވެ،""

މާތް ﷲ އާ މެދު އަޅާގެ ހިތުގައި އޮންނަ ޔަގީންކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ޔަގީންކަން ލިބޭނީ ހަމައެކަނި އީމާންކަމުން ކަމަށެވެ. އަދި އެ ޔަގީންކަން ލިބުމުން އިންސާނާއަށް އޭނާގެ ނަފްސާމެދު ޔަގީންކަން އުފެދި، ހަޔާތުގައި ދިމާވާ އެކިއެކި ކަންކަމާމެދު ހާސްވުމާއި ކަންބޮޑުވުން ނެތިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް