ވިޔަރެއާލް ދޫކޮށްލުމަށްފަހު އެމެރީ އެސްޓަން ވިލާއަށް

އުނައި އެމެރީ---

ސްޕެއިންގެ ވިޔަރެއާލްގެ ކޯޗުގެ މަގާމުގައި ހުރި އާސެނަލްގެ ކުރީގެ ކޯޗު އުނައި އެމެރީ އެ ޓީމު ދޫކޮށްލުމަށްފަހު އެސްޓަން ވިލާއާ ގުޅުމަށް ނިންމައިފިއެވެ.

ފުޓުބޯޅަ ކަވަރު ކުރާ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ އެމެރީ އެސްޓަން ވިލާއާ ގުޅުމަށް ހުރިހާކަމެއް ނިމިފައިވާ ކަމަށެވެ.

އޭނާ ބުނީ އެމެރީ އެސްޓަން ވިލާއާ ގުޅޭނީ ހަތް މިލިއަން ރުފިޔާގެ އަގަކަށް ކަމަށެވެ. އަދި އޭނާއާ އެކު ވިޔަރެއާލުން ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ހަ މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފައިވާކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

މިހާރު އޮތްގޮތުންނަމަ ރަސްމީކޮށް އެމެރީ އެސްޓަން ވިލާއާ ހަވާލުވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގައެވެ.

އެސްޓަން ވިލާގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުރި ލިވަޕޫލްގެ ލެޖެންޑު ސްޓެވެން ޖެރާޑް އެ މަގާމުން ވަކިކުރުމުންނެވެ. އޭނާ ކޯޗުކަމުން ވަކި ކުރީ އެސްޓަން ވިލާގެ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެ ޓީމު ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައިވަނީ ތިން މެޗުންނެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.

އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ 22 އަހަރަށް ފަހު އެ ޓީމު ދޫކޮށްލުމުން އެ މަގާމަށް 2018 ވަނަ އަހަރު ގެނައީ އެމެރީއެވެ. އާސެނަލްގައި އަހަރެއް ހޭދަކުރުމަށްފަހު 2020 ވަނަ އަހަރު އެމެރީ ގުޅުނީ ވިޔަރެއާލްއާއެވެ. އެ ޓީމަށް އޭނާ ވަނީ މިދިޔަ ސީޒަންގައި ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފައެވެ. ޔޫރޮޕާ ލީގު އެ ޓީމުން ކާމިޔާބުކުރީ ފައިނަލުގައި އާސެނަލް ބަލިކުރުމަށްފަހުގައެވެ.

އޭނާ ވިޔަރެއާލް ދޫކޮށްލާއިރު އެ ޓީމުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން ހަމަޖައްސުމަށް މަސައްކަތް ކުރަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާ ވިޔަރެއާލްގެ ކޯޗުކަމާ ހަވާލުވާން ފިޔަވަޅެއް ގާތަށް ޖެހިލައިފައިވާކަމަށް ފަބްރީޒިއޯ ވަނީ ބުނެފައެވެ.

comment ކޮމެންޓް