ކްލަބް މޯލްޑިވްސް: އާރްއާރްސީ، ވެމްކޯ، ފެނަކަ އަދި ސިފައިން ކުއާޓާއަށް

ގޯލު ޖެހުމަށްފަހު އަލީ ހާފިޒް އުފާ ފާޅުކުރަނީ -- ފޮޓޯ/ އާރްއާރްސީ

ކުލަބު ވޯލްޑްވިސް ކަޕް 2022 ގެ ކުއާޓާ ފައިނަލަށް ރޯޑް ރެކްރިއޭޝަން ކުލަބާއި، ކުލަބު ވެމްކޯއާއި، ޓީމު ފެނަކައިގެ އިތުރުން ދިވެހި ސިފައިންގެ ކުލަބު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެ ޓީމުތައް ކުއާޓާފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވަނީ ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އާރްއާރްސީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ދެވަނަ ބުރުގައި އެފްއެސްއެމް ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގެ ވަރަށް ކުރީ ކޮޅު އާރްއާރްސީގެ އިބްރާހީމް މައިސާން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ.

އެ ގޯލަށް ފަހު މެޗުގެ 15 ވަނަ މިނެޓުގައި އާރްއާރްސީގެ އަލީ ހާފިޒް އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ފުޅާކުރިއެވެ. ނަމަވެސް ދެވަނަ ހާފު ނިމުމުގެ ކުރިން މެޗުގެ 19 ވަނަ މިނެޓުގައި އެފްއެސްއެމްގެ ކެޕްޓަން އަހުމަދު ވިޖުދާން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ކުލަބް ވެމްކޯގެ ކުޅުންތެރިން --- ފޮޓޯ/ އިމޭޖްސް އެމްވީ

ވެމްކޯ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ދެވަނަ ބުރުގައި ޓީމް އެލައިޑު 4-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ވެމްކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގެ 13 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ވެމްކޯގެ އަނެއް ތިން ގޯލު މެޗުގެ ދެވަނަ ހާފުގައި ފެނުނުއިރު، މެޗުގެ ދެވަނަ ގޯލު 29 ވަނަ މިނެޓުގައި ޖެހީ އަހުމަދު އައިހަމްއެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ އަލީ ހޮދަދާދީ ވަނީ ތިން ވަނަ ގޯލުޖަހައިފައެވެ. މެޗުގެ ފަހު ގޯލަކީ އިސްމާޢީލް ވަޖީހު 38 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ.

ފެނަކައިގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ އިމޭޖްސް އެމްވީ

ފެނަކަ ދެވަނަ ބުރުގައި ބައްދަލުކޮށްފައިވަނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއެވެ. އެ މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފެނަކަ ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

ފެނަކައިން ރޭ ކަސްޓަމްސް ކޮޅަށް ލީޑުނެގީ 16 ވަނަ މިނެޓްގައި އޭރިއާބޭރުން އަޔާޒް އަހުމަދު (އަޔާ) ޖެހި ގޯލަކުންނެވެ. ފެނަކައިން މެޗުގައި ޖެހި އަނެއް ހަތަރު ގޯލު ފެނިފައިވަނީ ދެވަނަ ހާފުގައެވެ.

އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ފެނައިކައިގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން އަޔާ ވަނީ މެޗުގެ ތިން ވަނަ ގޯލު ޖަހައިފަައެވެ. މެޗުގެ ހަތަރު ވަނަ އަދި ފަސްވަނަ ގޯލަކީ އައްޒާމް އަބްދުﷲ މެޗުގެ 34 ވަނަ މިނެޓުގައި އަދި 36 ވަނަ މިނެޓުގައި ޖެހި ދެ ގޯލެވެ.

ގޯލު ޖެހުމަށްފަހު ސިފައިންގެ ކުލަބުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ/ އިމޭޖްސް އެމްވީ

ދެވަނަ ބުރުގައި ސިފައިން ވާދަކޮށްފައިވަނީ އެމްއޭސީއެލްއާއެވެ. އެ މެޗު ސިފައިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި ގޯލެއް ޖެހުމަށް ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓާ ހަމައަށް ސިފައިން މަޑުކުރަންޖެހުނެވެ.

އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އިބްރާހީމް އަލާއު ސިފައިންނަށް ލީޑުނަގައިދިން އިރު މެޗުގެ ދެވަނަ ގޯލަކީ 27 ވަނަ މިނެޓުގައި އަބްދުﷲ ޝުޖާއު ޖެހި ގޯލެކެވެ. އޭގެ މިނެޓެއް ފަހުން އިބްރާހީމް އަހުމަދު ވަނީ ސިފައިންނަށް މެޗުގެ ފަހު ގޯލު ޖަހައިދީފައެވެ.

comment ކޮމެންޓް