ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގަށް ވާދަކުރާ ނަމަ އިތުރު ކުޅުންތެރިން ބޭނުންވޭ: ކޮންޓޭ

ކޮންޓޭ---

ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގަށް ޓޮޓެންހަމް ވާދަކުރާނަމަ ސްކޮޑް ވަރުގަދަކުރުމަށް އިތުރު ކުޅުންތެރިން ބޭނުންވާނެކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް އަތުން 2-1ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިވި މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ކޮންޓޭ ބުނީ ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ޓީމަށް ބޭނުންވާކަމަށެވެ.

ޓޮޓެންހަމްއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޗާލިސަންއަށް ލިބުނު އަނިޔާގެ ސަބަބުން ރޭގެ މެޗުގައި އޭނާ ނުކުޅެއެވެ. އަދި ޑެޖާން ކުލުސެވްސްކީ ނުކުޅޭއިރު މެޗު ފީޓްނެސް ނެތުމުގެ ސަބަބުން ޓޮޓެންހަމްގެ އިތުބާރު ޑިފެންޑަރު ކްރިސްޓިއަން ރޮމެރޯ އަދި މިޑްފީލްޑަރު ޕިއޭ-އެމީލް ހޮއިބިއާ ވެސް ސްކޮޑުގައި ހިމަނިފައިނުވެއެވެ.

އެހެންކަމުން ކޮންޓޭ ބުނީ ދެ މުބާރާތަށް ވާދަކޮށްގެން ކުޅޭއިރު ސްކޮޑުގައި ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް ތިބެންޖެހޭކަމަށެވެ.

"އަހަރުމެން އަހަރުމެން ސްކޮޑާ ދޭތެރޭ ވިސްނަން ޖެހޭ. އަހަރުމެން ޓީމުގެ ސްކޮޑުގައި މާ ވަރުގަދަ ކުޅުންތެރިންނެއް ނެތް. އަނިޔާގެ މައްސަލަތައް ކުރިމަތި ނުވާ ގޮތަށް ޖެހޭ މަސައްކަތް ކުރަން،" ކޮންޓޭ ބުންޏެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމް އޮތީ ތާވަލުގެ ތިން ވަނައިގައެވެ. އެ ޓީމު ތިން ވަނައިގައި އޮތީ 11 މެޗު ކުޅެ 23 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި 28 ޕޮއިންޓާއެކު އާސެނަލް އޮތްއިރު ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 26 ޕޮއިންޓާއެކުއެވެ.

ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް އޮތީ ހަތް ޕޮއިންޓާއެކު ގްރޫޕް ޑީގެ އެއްވަނައިގައެވެ. ހަ ޕޮއިންޓާއެކު އެ ގްރޫޕްގެ ދެވަނަ ލިބެނީ މާސޭއަށެވެ. އަދި ހަ ޕޮއިންޓާއެކު ސްޕޮޓިން ތިން ވަނައިގައި އޮތްއިރު ތާވަލުގެ ފުލުގައި އޮތް ފްރެންކްފާޓަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

comment ކޮމެންޓް