މައިންބަފައިން ދޭ ނަސޭހަތް އަޑުއަހައިފިނަމަ ކުރިއެރުމުގެ މަގު ފަހިވާނެ: އިސްލާމިކް މިނިސްޓަރު

މައިންބަފައިން ދޭ ނަސޭހަތް އަޑުއަހާ އެ ނަސޭހަތާ އެއްގޮތަށް އަމަލުކޮށްފިނަމަ ކުރިއެރުމުގެ މަގު ފަހިވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އަހްމަދިއްޔާ ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މައިންބަފައިން ދޭ ނަސޭހަތުގެ ފައިދާ މިހާރު ފަހަރުގައި ނުވިސްނިދާނެކަމަށެވެ. ނަމަވެސް އެ ނަސޭހަތް އަޑު އަހައިފިނަމަ ކުރިއެރުމުގެ މަގު ތަނަވަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގިނަ ވަގުތު އެކަމުގަ ދެމިހުރުން. ފޫހިކަމެއް ނެތި މަސައްކަތުގަ، ކިޔެވުމުގެ މަސައްކަތުގަ ދެމިތިބުން. އެއީ ޝަރުތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އުންމީދާއެކު މުޖުތަމައުއަށް ކުރިމަތިލާއިރު، މުޖުތަމައުގައި ނޭދެވޭ، ނޭއްގަނީ ކަންކަންތަކެއް ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެކަންކަމަށް ސަމާލުވެ، އެކަންކަމާ ދުރުހެލިވުމަށް މިނިސްޓަރު ނަސޭހަތްތެރިވިއެވެ.

"ނޭއްގާނީ އެންމެހާ ކަންކަމާ ދުރުހެލިވެއްޖެ ނަމަ ކުރިއަށްދާން ފަސޭހަވާނެ. ހެޔޮ އެދިގެން ކަމަށް ހެދިގެން އުޅޭނެ ނަސޭހަތްދޭން މަގު ކައްސާލަން މަސައްކަތްކުރާނެ ބަޔަކު. ފަހަރެއްގަ ވެސް ހަނދާން ނައްތާލައިގެން ނުވާނެ އެފަރާތްތައް،" މިނިސްޓަރު ވިދާޅުވިއެވެ.

ކިޔަވާ ދަރިވަރަކު ދުރުހެލިވާންޖެހޭ އެންމެ މުހިންމު ކަމަކީ ފާފަކުރުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިމާމު ޝާފިޢީގެފާނަށް ކުރިމަތިވި ހާދިސާއެއްގެ ވާހަކަ މިނިސްޓަރު ވަނީ ދަރިވަރުންނާ ހިއްސާކުރެއްވިއެވެ.

އެ ވާހަކައިން އިބްރަތް ހާސިލްކޮށް ފާފަތަކުން ދުރުވުމަށް މިނިސްޓަރު ވަނީ ދަރިވަރުންނަށް ނަސޭހަތްތެރި ވެފައެވެ.

comment ކޮމެންޓް