މައިކްރޯސޮފްޓުން އެ ކުންފުނީގެ އަމިއްލަ ސީކްލީނަރެއް ޓެސްޓް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މައިކްރޯސޮފްޓުން މިފަދަ އެޕްލިކޭޝަނެއް ޓެސްޓްކުރަމުންދާއިރު، މައިކްރޯސޮފްޓްގެ ގިނަ ޔޫޒަރުން ސީކްލީނަރު ނުވަތަ ވައިސް ޑިސްކް ކްލީނަރު ފަދަ އެޕްތަކުން އެމީހުންގެ ސިސްޓަމްތައް ސާފުކޮށް ބޭކާރު ފައިލްތައް ފުހެ ރައްކާތެރި ގޮތުގައި ސިސްޓަމް ބަލަހައްޓަން މިހާރުވެސް މަސައްކަތް ކުރަމުންދެއެވެ.
މައިކްރޮސޮފްޓުގެ މި އުފެއްދުމުގެ ވާހަކަ މާބޮޑަށް އިޝްތިހާރު ނުކުރި ނަމަވެސް، އެ އެޕްލިކޭޝަން މައިކްރޮސޮފްޓް ސްޓޯރުން ވަރަށް އަވަހަށް ފެނިދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ފަހުގެ ރިޕޯޓްތަކުން ހާމަވެފައިވާ ގޮތުގައި މައިކްރޮސޮފްޓުން ވަނީ ޕީސީ މެނޭޖާ އެޕެއް އުފައްދައި މަޑުމަޑުން ޓެސްޓް ކުރަން ފަށައިފައެވެ. އެއީ އެހެން ބައެއް ސައިޓްތަކުން މިހާރުވެސް ފެންނަ އެޕްލިކޭޝަންތައް ފަދައިން ގިނަ ފަންކްޝަންތައް ހިމަނައިގެން އުފައްދާފައިވާ އެޕެކެވެ. އެ އެޕުން ސިސްޓަމްގެ ފައިލްތައް ތަރުތީބުކޮށް ސްޓޯރޭޖް ޖާގަތައް ހަމަޖައްސައިދީ ހަދާނެއެވެ.
މިއަހަރުގެ ކުރީކޮޅު މައިކްރޯސޮފްޓް ސްޓޯރުގެ ޗައިނީސް ވާޝަންއިން ޕީސީ މެނޭޖާ ބީޓާ އެޕް ވަނީ ފެނިފައެވެ. އިޓަލީގެ ޕީސީ ސައިޓް އެޖިއޮނަމެންޓީ ލޫމިއާ އިން ގަބޫލުކުރާ ގޮތުގައި މައިކްރޯސޮފްޓުން އަދި މިހާތަނަށް އެ އެޕްލިކޭޝަން ދޫކޮށްފައި ވަނީ އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ނަމަވެސް ވަރަށް އަވަހަށް މައިކްރޯސޮފްޓްގެ ހުރިހާ ޔޫޒަރުންނަށް އެ އެޕް ބޭނުން ކުރެވޭ ގޮތަށް ދޫކޮށްލާނެއެވެ.
ޕީސީ މެނޭޖަރުގެ އިނގިރޭސި ވާޝަންގެ ސްކްރީންޝޮޓްތަކުން ފެންނަނީ ސީކްލީނަރާ ދާދި އެއްގޮތް ފަންކްޝަންތަކެއް ފެންނަ ޓާސްކްބާ އެޕެކެވެ. އެއީ ވަގުތީ އިމޭޖް ފައިލްތަކާއި، ސިސްޓަމް ލޮގްތަކާއި، އަދި އެނޫންވެސް ބޭނުން ނުވާ ފައިލްތައް ސާފުކޮށްދޭ އެއްޗެކެވެ. އަދި ސްޓޯރޭޖް ޖާގަ ނަގާ ބޮޑެތި ފައިލްތައް ހޯދައި، ރެމް އިންވެސް އިތުރު ޖާގަ ކަށަވަރު ކޮށްދޭނެ އެޕެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި މައިކްރޯސޮފްޓްގެ ޕީސީ މެނޭޖަރު އެޕްގައި ހެލްތު ޗެކްކުރުމާއި، ސްޓޯރޭޖް މެނޭޖްމަންޓާއި، ތްރެޓް ސްކޭނިންއާއި، ސްޓާޓްއަޕް އެޕްތައް ބެލެހެއްޓުން ފަދަ އެހެން ޓޫލްތައްވެސް ހިމެނެއެވެ. މިކަންކަން މިހާރުވެސް ވިންޑޯޒް ސެޓިންގްސް މެނޫތަކާއި ޑިފެންޑާ އެޕުން ޔޫޒަރުންނަށް ހޯދިދާނެއެވެ. އެކަމަކު އެ ފީޗާތައް ލިބޭނީ މައިކްރޯސޮފްޓްގެ އެންމެ ފަހުގެ އަޕްޓޭޑްގައި އަދި ވަކި ޔޫޒަރުންތަކަކަށް އެކަންޏެވެ.
މި އެޕްގައި އެކުލެވިގެންވާ ސްޓާޓްއަޕް އެޕްސް ފީޗާ އިން، ސިސްޓަމް ފުރަތަމަ ހުޅުވާއިރު ހިނގަންފަށާ ޕްރޮގްރާމެއްގެ ޕާފޯމަންސް ޔޫޒަރުންނަށް ދައްކާއިރު، ބްލޮޓްވެއާ ނުވަތަ ބޭކާރު އެޕްތައްވެސް ފެންނާނެއެވެ. އަދި ބޭނުން ނުވާ ޕްރޮސެސްތައް ދުއްވާލުމުގެ ގާބިލްކަން ވެސް ޓާސްކް މެނޭޖަރަށް ލިބިގެންވެއެވެ.
ނަމަވެސް ޕީސީ މެނޭޖަރުން މަސައްކަތް ކުރަނީ ޑިފޯލްޓް އިންޓަނެޓް ބްރައުޒާއެއްގެ ގޮތުގައި މައިކްރޮސޮފްޓް އެޖް ބޭނުންކުރާ ޕީސީތަކަށް އެކަންޏެވެ. އެހެންކަމުން މައިކްރޯސޮފްޓްގެ މަޤްޞަދަކީ އެޖް ބޭނުންކުރާ މީހުން ގިނަކުރުންކަމުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ޕީސީ މެނޭޖާ ބީޓާ ޓެސްޓްކޮށްލަން ޝައުގުވެރިވާ ފަރާތްތަކަށް މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. މައިކްރޮސޮފްޓް ސްޓޯރުން އަސްލު ވާޝަން ލިބޭނެ ދުވަހެއް އަދި ހާމަކޮށްފައިނުވެއެވެ.