ފިލިޕީންސްގައި އިމްތިހާނުން މަކަރު ހެދުން ހުއްޓުވަނީ ތަފާތު ގޮތަކަށް

އިމްތިހާނުގައި މަކަރު ނެހެދޭ ގޮތަށް ބޮލުގައި ތޮފި އަޅަން އެންގުމުން އެކި ދަރިވަރުން ބޮލުގައި އެޅީ އެކި އެއްޗެހި -- ފޮޓޯ/ މޭރީ ޖޯއި މަންޑޭން އޯޓެޒް

ފިލިޕީންސްގެ ޔުނިވާސިޓީއެއްގައި ދަރިވަރުން އިމްތިހާނު ހެދިއިރު މަކަރު ހެދުން ހުއްޓުވުމަށް އެކުދިންގެ ބޮލުގައި އަޅާފައިވާ ތަކެތީގެ ފޮޓޯތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.

"އެންޓި ޗީޓިން" ތޮފިތަކުގެ ގޮތުގައި ނަން ދީފައިވާ މި ތަކެތި ހުރިހާ ދަރިވަރުން ވެސް އަޅައިގެން ތިބި އިރު ގިނަ ބަޔަކު ދަނީ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

މިދިޔަ ހަފުތާގައި ފިލިޕީންސްގެ ލެގަޒްޕީ ސިޓީގެ ބައިކޮލް ޔުނިވާސިޓީ އޮފް އެންޖިނިއަރިންގެ ދަރިވަރުން އިމްތިހާނަށް ދިޔުމުގެ ކުރިން، އެހެން ދަރިވަރުންގެ އިމްތިހާނު ކޮޕީ ނުކުރެވޭނެ ފަދަ ތޮފި އަޅައިގެން ދިޔުމަށް އެ ޔުނިވާސިޓީން އެދުނެވެ.

އިމްތިހާނުގައި މަކަރު ނެހެދޭ ގޮތަށް ބޮލުގައި ތޮފި އަޅަން އެންގުމުން އެކި ދަރިވަރުން ބޮލުގައި އެޅީ އެކި އެއްޗެހި -- ފޮޓޯ/ މޭރީ ޖޯއި މަންޑޭން އޯޓެޒް

އެއާއެކު އެތައް ދަރިވަރުންނެއް އިމްތިހާނަށް ދިޔައީ ބޮލުގައި އަޅާނެ އެއްޗެއް އަމިއްލައަށް ހަދައިގެންނެވެ. ބައެއް ދަރިވަރުންގެ 'ތޮފި' ހަދަން ކަރުދާސް ފޮށި ބޭނުންކޮށްފައިވާއިރު އެކި ގޮތްގޮތަށް ބަދަލުގެނެސްފައިވާ ހެލްމެޓާއި ކޮތަޅު ވެސް ބައެއް ދަރިވަރުން ބޭނުންކުރިއެވެ.

އެ ޔުނިވާސިޓީގެ މެކޭނިކަލް އެންޖިނިއަރިން ޕްރޮފެސަރެއް ކަމަށްވާ މޭރީ ޖޯއި މަންޑޭން އޯޓެޒް ވިދާޅުވީ އެ ހިޔާލަކީ ވަރަށް ވެސް ރަނގަޅު ހިޔާލެއް ކަމަށެވެ. އަދި މަކަރު ނެހެދޭ ގޮތަށް ހެދުން އެޅުމަށް އެންގީ ދަރިވަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްތިހާނުގައި މަކަރު ނެހެދޭ ގޮތަށް ބޮލުގައި ތޮފި އަޅަން އެންގުމުން އެކި ދަރިވަރުން ބޮލުގައި އެޅީ އެކި އެއްޗެހި -- ފޮޓޯ/ މޭރީ ޖޯއި މަންޑޭން އޯޓެޒް

އޭނާ ވިދާޅުވީ އެ ހިޔާލު ލިބިފައިވަނީ ތައިލެންޑުގެ ދަރިވަރުންތަކެއް ވެސް އެފަދަ ގޮތަކަށް މީގެ އަހަރުތަކެއް ކުރިން އަމަލުކޮށްފައިވާތީއެވެ.

މީގެ އިތުރުން، އެ އިމްތިހާނުގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުކަން ވެސް އޭނާ ފާހަގަކުރިއެވެ. އެގޮތުން އިމްތިހާނުގެ ގަވާއިދުތައް ހަރުކަށި ކުރުމުން ދަރިވަރުންނަށް ބުރަކޮށް މަސައްކަތް ކުރަން ހިތްވަރު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް