ކުޑަކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތްކުރެވޭނެ ގޮތްތައް އިޚްތިޔާރުކުރުން މުހިއްމު: އުއްތަމަފަނޑިޔާރު

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން--- ފޮޓޯ/ ޑީޖޭއޭ

ކުޑަކުދިން ކޯޓަށް ހާޒިރު ކުރަން ޖެހޭފަދަ މައްސަލަތަކުގައި އެކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތް ކުރެވޭނެ ގޮތްތައް އިޚްތިޔާރުކުރުމަކީ މުހިއްމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު ވިދާޅުވެއްޖެއެވެ.

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ކޯޓުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި ކުޑަކުދިން ކޯޓަށް ހާޒިރުކުރަންޖެހޭ މައްސަލަ ތަކުގައިވެސް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޒްނާގެ ވާހަކަފުޅުގައި، ކަނޑައެޅުނު ޓާގެޓާ އެއްގޮތަށް އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި އަނގޮޅިތީމު ކައުންސިލާއި މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުގެ ފަރާތުން ކޮށްދިން މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި އެ އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން މެދުކެނޑުމެއްނެތި ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށްވެސް ވަނީ ޝުކުރު ދަންނަވާފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޢާއިޝަތު ރިޒްނާ --- ފޮޓޯ/ ޑީޖޭއޭ

އަލަށް ހުޅުވުނު ކޯޓު އިމާރާތުގައި މަސައްކަތްކުރަން ފެށުމާއެކު، ކޯޓުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށް ވެސް ރިޒްނާ ވިދާޅުވިއެވެ.

މިއަދު ހުޅުވި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަނގޮޅިތީމު ކައުންސިލްއާ ހަވާލުކުރެވިގެން ކުރެވުނު މަސައްކަތެކެވެ. އަދި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށި، އެ މަސައްކަތް ހަވާލުކުރެވުނުތާ އަށް މަސް ދުވަހުގެ ތެރޭގައި ވަނީ ކޯޓު އިމާރާތްކޮށް ނިމިފައިވެއެވެ.

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ ދެ ކޮޓަރީގެ ޖާގައިގެ އިމާރާތެއްގެ ތެރޭގައެވެ. ޝަރީއަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށް ކަމަށް ޑީޖީއޭ އިން ބުނެއެެވެ.

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވުނު ރަސްމިއްޔާތު--- ފޮޓޯ/ ޑީޖޭއޭ

އެ އިދާރާއިން ބުނީ މިއަދު ރަސްމީކޮށް ބޭނުންކުރަން ފެށި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ފަރުމާކުރެވިފައިވަނީ، ޝަރީޢަތްކުރާނެ ވަކި މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ޚާއްސަކުރެވިފައިވާ ބައިތައް ހިމެނޭގޮތަށް، އާންމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށްވެސް ފަސޭހަވާނެ ގޮތަށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ރ. އަތޮޅަށް ކުރެއްވި އެ ދަތުރުފުޅުގައި ވަނީ ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގައި އަލަށް ބެހެއްޓި ދިދަ ދަނޑީގައި ފުރަތަމަ ފަހަރަށް ޝަރުޢީ ދާއިރާގެ ދިދަ ނަންގަވައިދެއްވާފައެވެ. އަދި ރ. ވާދޫ މެޖިސްޓްރޭޓް ކޯޓު، ރ. ރަސްގެތީމު މެޖިސްޓްރޭޓް ކޯޓާއި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެއެވެ.

އެ ބައްދަލުވުންތަކުގައި ކޯޓުގެ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ވާހަކަދައްކަވާފައިވެއެވެ. އެ ދަތުރުފުޅުގައި ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް