އިޓަލީގެ ކަނާތު ފިޔައިގެ ހައްދު ފަހަނަޅާފައިވާ ލީޑަރު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންފި

އިޓަލީގެ އައު ބޮޑުވަޒީރު ޖޯޖިއާ މެލޯނީ

ރޯމު (23 އޮކްޓޯބަރު 2022): އިޓަލީގެ ބޮޑުވަޒީރުކަމުގެ ގާނޫނީ ހުވާ، އެގައުމުގެ ކަނާތު ފިޔައިގެ ހައްދު ފަހަނަޅާފައިވާ ލީޑަރު ޖޯޖިއާ މެލޯނީ ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންފިއެވެ.

ބްރަދާސް އޮފް އިޓަލީގެ ނަމުން ނަންދީފައިވާ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީއަށް ނިސްބަތްވާ މެލޯނީ މަގާމުގެ ހުވާކުރެއްވީ އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާގެ ކުރިފުޅުމަތީގައެވެ. މަގާމުގެ ހުވާ ކުރެއްވުމަށްފަހު، މެލޯނީ ވަނީ އޭނާގެ ސަރުކާރުގެ ވަޒީރުންގެ ނަންތައްވެސް އިއުލާން ކުރައްވާފައެވެ. މެލޯނީގެ ކެބިނެޓްގައި 24 ވަޒީރުން ހިމެނޭއިރު، އޭގެތެރެއިން ހަ ވަޒީރުންނަކީ އަންހެން ބޭފުޅުންނެވެ.

މެލޯނީ އަކީ އިޓަލީގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އިޓަލީގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރީ މެލޯނީގެ ބްރަދާސް އޮފް އިޓަލީ ޕާޓީއެވެ. މެލޯނީގެ ޕާޓީއަށް ލިބުނީ އީޓަލީގެ ޕާލަމެންޓްގެ ގޮނޑީގެ 25 އިންސައްތައެވެ. އިޓަލީގެ ގާނޫނުތައް އޮންނަ ގޮތުން ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުނު ނަމަވެސް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވާ ޕާޓީއެއްގެ ވެރިއަކާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރެވޭނެއެވެ. އެހެންކަމުން އޭނާގެ ސަރުކާރު އެކުލަވާލީ އެހެން ޕާޓީތަކާ ގުޅިގެން ކޯލިޝަނެއް ހަދައިގެންނެވެ.

މެލޯނީގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމުގެ ވޯޓު މިހަފުތާގެ ތެރޭގައި، ޕާލަމެންޓްގައި ނަގާނެއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިޓަލީގެ ބޮޑުވަޒީރުކަމަށް ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ބޭފުޅަކު ވަޑައިގެނެވި ފުރަތަމަ ފަހަރެވެ.

މެލޯނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވަނީ

ޖޯޖިޔާ މެލޯނީ އަކީ ޒުވާން އަންހެން ބޭފުޅެކެވެ. އެކަމަނާއަކީ އިޓަލީއަށް ހިޖުރަކޮށްގެންއުޅޭ ބޭރުގެ ހިޖުރަވެރިން އެ ގައުމުން ބޭރުކޮށްލުމަށާއި ހިޖުރައިގެ ދޮރު އެއްކޮށް ބަންދުކުރުމަށް ފާޅުގައި ގޮވާލައްވާ ބޭފުޅެކެވެ. މެލޯނީ އަކީ ޔޫރަޕްގެ އިއްތިހާދާވެސް އިދިކޮޅު ބޭފުޅެކެވެ. ޔޫރަޕްގެ އިއްތިހާދަކީ ޒަމާނާނުގުޅޭ އަދި ބޭކާރު ޚަރަދުތައްކުރާ ބުރަދަނެއް ނެތް އިއްތިހާދެއްކަމަށް މެލޯނީވަނީ ސިފަ ކުރައްވާފައެވެ. އަނެއްކޮޅުން މެލޯނީއަކީ އެމެރިކާއިން ޔޫރަޕަށް ހިންގަމުން ގެންދާ ބާރާ ނުފޫޒާ ވެސް އިދިކޮޅު ބޭފުޅެކެވެ.

މެލޯނީގެ ވެރިކަމުގައި އިޓަލީއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ވަނީ ބެލެވިފައެވެ. އެއީ މެލޯނީ އިދިކޮޅު ހައްދަވާ މައިގަނޑު ކަންކަމަކީ އިޓަލީގައި ޒަމާނުއްސުރެ ހަރުލައި އޭގެމައްޗަށް އިޓަލީގެ އިގްތިޞާދު ބިނާވެފައިވާ ކަންކަމެވެ. އަދި އެކަންކަމުން އިޓަލީއަށް ސަލާމަތް ނުވެނެ ކަންކަމެވެ.

މީގެތެރޭގައި ދޮން ނޫން ނަސްލުގެ ބޭރުގެ ހިޖްރަވެރިން އިޓަލީގެ ރައްޔިތުންނަށް ވެފައިވުމާ އަދި އިޓަލީއަކީ އާބާދީ އިންތިހާއަށް މުސްކުޅި އަދި ވިހާ ރޭޓު ވަރަށް ބޮޑަށް ދަށް ގައުމަކަށްވާތީ ބޭރުގެ ހިޖުރަވެރިންނާ ނުލައި އިޓަލީގެ އިގްތިސާދު ދެމެހެއްޓޭނެ ގޮތެއް ނޯންނާނެތީއެވެ. އިޓަލީއަށް އެހެން ގައުމުތަކުގެ މީހުން ހިޖުރަކުރުން މުޅިން މަނާކޮށްފިނަމަ އިޓަލީގެ ކުންފުނިތަކާއި ކާރުޚާނާތައް ޖެހޭނީ ބަންދުކުރާށެވެ. ނަތީޖާއަކަށްވާނީ އުފެއްދުންތެރިކަން ދަށްވެ އިގްތިޞާދު އިނދަޖެހުމެވެ.

އަނެއްކޮޅުން އިޓަލީގެ އިގްތިޞާދަކީ ޔޫރަޕްގެ އިއްތިޙާދުގެ ބަޔަކަށްވާއިރު ޔޫރަޕްގެ އިއްތިހާދާ ވަކިވުމަކީ އިޓަލީގެ އިގުތިޞާދު އިނދަޖެހޭނެ ކަމެކެވެ. އެއީ ޔޫރަޕްގެ މާކެޓް އިޓަލީއަށް ގެއްލޭނެތީއެވެ. އެހެންކަމުން އެއީވެސް ކުރެވޭނެ ކަމެއްނޫނެވެ.

އަނެއްކޮޅުން އެމެރިކާގެ އަސްކަރީ ބޭސްތަކާއި އެމެރިކާގެ ސިފައިން އިޓަލީގައި ތިބޭ ތިބުމަކީވެސް ނިމުމަކަށް ގެނެވޭނެ ކަމެއްނޫނެވެ. ސަބަބަކީ އިޓަލީއަކީ ނޭޓޯގެ ގައުމަކަށް ވެފައި ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާގެ ނުފޫޒުގެ ދަށުގައިނުވެ އިޓަލީއަށް ހިންދެމިލުމުގެ ފުރުސަތު އަދި ނެތުމުންނެވެ. މެލޯނީއަކީ އިޓަލީގައި މުސްލިމުން ގިނަވާތީ އެކަންވެސް ހުއްޓުވުމަށް ވައުދުވެފައިވާ މުސްލިމުންނާ ވަރަށް އިދިކޮޅު ބޭފުޅެވެ. ނަމަވެސް އެއީވެސް ކުރަން ފަސޭހަ ކަމެއްނޫނެވެ.

އެހެންކަމުން އިންތިޚާބުގެ ކޭންޕޭންގައި މެލޯނީ ކޮންމެ ގޮތަކަށް ވާޖަކަ ދެއްކެވި ނަމަވެސް އިޓަލީގެ ހާލަތާއި ކަންކަން ބަދަލުކުރުމަށް ކުރެވޭނެ މާގިނަ ކަންކަމެއް މެލޯނީއަކަށް ނޯންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް