ޗައިނާ އާއި ރާއްޖޭގެ ގުޅުމަކީ ޤައުމުތަކަށް ނަމޫނާއެއް: ސަފީރު

ރާއްޖެއާއި ޗައިނާ ގުޅުމުން ދައްކުވައިދެނީ ދެ ޤައުމުގެ ކުޑަ ބޮޑުމިން ތަފާތުވިނަމަވެސް ގުޅުންތައް ހަރުދަނާކޮށް ކުރިއަށްދެވިދާނެ ކަން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިންގ ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ރާއްޖެއާ ޗައިނާއާ ދެޤައުމު ގުޅިގެން ފާހަގަކޮށްލެވޭ ފަދަ ކަންތައްތަކެއް ކުރިއަށްގެންދެވިފައިވާކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ކުރިމަތިލާންޖެހުނު ބައެއް ކަހަލަ މައްސަލަތަކުގައި ޚިޔާލު ތަފާތުވިނަމަވެސް ދެފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކޮށް ދެޤައުމުގެ ގުޅުން ރަނގަޅު ހަރުފަތަކަށް ގޮސްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި އެއް ޗައިނާ ސިޔާސަތުގެ އުސޫލުތަކަށް އަދުގެ ސަރުކާރުންވެސް އިހްތިރާމު ކުރާކަން ސަފީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އިޤްތިސާދީ އުމުރާނީ އަދި އިޖުތިމާއީ ތަރައްޤީގެ ޤާބިލުކަން އިތުރުކުރުމަށް ޗައިނާއިން އަބަދުވެސް އަންނަނީ އެއްބާރުލުންދެމުން. މިކަން އަބަދުވެސް ޗައިނާއިން ދަމަހައްޓާނަން،" ސަފީރު ވިދާޅުވިއެވެ.

ޗައިނާ ބެލްޓް އެންޑް ރޯޑް އިސްނެގުމުގެ ދަށުން ކުރިއަށްގެންދިޔަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރާއްޖެއާއި ޗައިނާ ގުޅުމުގެ ނިޝާނެއް ކަމަށް ވަން ލީޝިންގ ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ރައީސް ޞާލިޙާއި ޗައިނާ ސަފީރު އަދި ފޮރިން މިނިސްޓަރު ޝާހިދު --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މި ބްރިޖުން ވަނީ ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ދަތުރުކޮށްފައެވެ. ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި 11،000 ހާހަށްވުރެ ގިނަ ހައުސިން ޔުނިޓްތައް އަޅައިދިންއިރު، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޗައިނާއިން ހިއްސާވިކަން ސަފީރު ފާހަގަކުރިއެވެ.

އަދި މިހާރުވެސް ޗައިނާއިން ދަނީ ދިވެހި ރައްޔިތުންގެ އުފާ ފާގަތިކަމަށް މަސައްކަތް ކުރަމުން ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

"މުސްތަޤްބަލަށް ބަލާނަމަ، ރާއްޖެއާއި ޗައިނާގެ ގުޅުންދާނީ ކުރިއެކޭ އެއްގޮތަށް ކުރިއަށް. ރާއްޖެއާ ޗައިނާ ގުޅުމުގެ އާ ސަފްހާއެއް ދެން ފެށިގެންދާނީ ދުރު ރާސްތާ ތަސައްވަރާއެކު،" ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވިއެވެ.

ދެ ގައުމުން ޚާރިޖީ ގުޅުން ގާއިމު ކުރި ތާރީޚަށް 50 އަހަރުވެފައިވާ އިރު، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއަށް ޗައިނާއިން އާދަޔާޚިލާފު މިންވަރަކަށް އެހީ ފޯރުކޮށްދީފައިވާކަން އަދުގެ ސަރުކާރުން ފާހަގަކުރެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާއިން ވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި އުމުރާނީތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތި އެހީތަކެއް ވެދީފައެވެ.

comment ކޮމެންޓް