މުފްތީގެ ފުރަތަމަ ދަރުސް މި މަހު 28ގައި، މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް!

މުފްތީ މެންކު މީގެ ކުރިން ޚުތުބާ ދެއްވަނިކޮށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް) ރާއްޖޭގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސްތައް ދެއްވާނެ މައުޟޫތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރައްވަން ވަނީ ހަމަޖެހިފައެވެ. އެ ޒިޔާރާތުގައި މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

އެގޮތުން މިމަހުގެ 28ވަނަ ދުވަހު އެންމެ ފުރަތަމަ ދެއްވާ ދަރުސް އޮންނާނީ މާލެ ސިޓީގެ އަލިމަސް ކާނިވަލުގައެވެ.

އެ ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.

އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ދެއްވާ ދަރުސް ދެއްވަން ހަމަޖެހިފައިވަނީ "އިސްލާމްކަމާއި އޯގާތެރިކަން" މި މައުޟޫއަށެވެ. އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "ޕްރޮޑަކްޓިވް މުސްލިމް" މި މައުޟޫއަށެވެ.

މުފްތީ އެންމެފަހު ދަރުސް ދެއްވާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އެއީ މިމަހުގެ 31ވަނަ ދުވަހުއެވެ.

އެރޭގެ މައުޟޫއަކީ އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތެވެ. ކޮންމެ ދަރުސެއް ވެސް ފެށޭނީ ދަރުސް ބޭއްވުމަށް ހަމަޖެހިފައި އޮންނަ ދުވަހުގެ ރޭގަނޑު 8:45ގައެވެ.

ނަމަވެސް ދެއްވާ ދަރުސްތަކުގައި އާންމުންގެ ސުވާލުތަކަށް ހުޅުވައެއް ނުލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މުފްތީ ރާއްޖެއަށް ވަޑައިގެން ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 28ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރައްވާނީ ވެސް އޭނާއެވެ.

comment ކޮމެންޓް