"މިލިއަން އަހަރުތަކަށްވެސް އަހަރެން ރޭގަނޑުގެ އުދަރެހަށް ބަލަން ހުރެދާނަމެވެ. ތިއީ ޝަމްސީ ނިޒާމުގެ ކިހާ ހިސާބެއްގައި ދިރިއުޅޭ މީހެއްކަން އެނގެންދެނެވެ. އެހާވެސް ބޮޑަށް ހަނދާންވެއެވެ."

***

އަސަލް މޯޅިއަކަށް ދެމިލާފައި އެއްލޯ ހުޅުވައިލަމުން ފޯނަށް ބަލާލިއިރު އަށެއް ޖަހާބޮޑުވިކަން އެނގުނެވެ. ދޮރުގެ ފަރުދާތައް ކަހައިލުމުން ބަދަންކުލަ އަރާ ރީތި ހަށިގަނޑު ވިދަންފެށީ އިރުގެރަން ދޯދިތައް ހުރަހަކާއި ނުލާ ބީހެންފެށުމުންނެވެ. ނިދަން އޮތީ ހަމައެކަނި ދިގު ސޯޓެއްލައިގެން ކަޅާއި ހުދުގެ ބޮޑު ރަޖާތެރޭގައިކަމުން ފިނީގެ އުދަގުލެއް އެހާ ނުވިޔަސް ރަޖާ ނެގުމުން ފިނީގެ އިހުސާސްބޮޑުވިއެވެ.

"ގުޑްމޯނިން ލަވް..."އަސަލް އާދައިގެ މަތިން އޭނަގެ ޒަމާންވީ ލޯބިވެރިޔާ ކާއިނާތުއަށް މެސެޖްކޮށްލިއެވެ. ކުޑައިރުއްސުރެ އެކީ ތައުލީމް ހާސިލުކޮށް ފުރާވަރަށް އެޅުމާއެކު އެގާތް އެކުވެރިކަން ލޯތްބަށް ބަދަލުވިތާވެސް ކިތަންމެ އަހަރެކެވެ. ދޭތެރެއިން ކުޑަ މައްސަލަތައް ޖެހުނަސް ދާދިއަވަހަށް އެތަންކޮޅު ފޫބައްދައިލެވެއެވެ. އެކީގައި މަސައްކަތްކުރާތީ އެގުޅުން އިތުރަށް ވަރުގަދަވެ އަސަލްގެ ހިތުގައި ވި ލޯބި ފުންވިއެވެ.

ކާއިނާތުގެ ޖަވާބެއް ނުލިބި ހުއްޓާ އޭނަގެ ނޫހުގެ އެޑިޓަރގެ ފޯނު ކޯލެއް އައެވެ." ކާއިނާތު ލާފައި އިން ޚަބަރު ދެކުނިންތަ؟"

"ނުދެކެން..."

"މަސްދަރެއްވެސް ނެތި އާދަޔާ ޚިލާފު ބިރުވެރި ޚަބަރެއް ޖަހައިގެން މީހުން ގުޅާވަރުން އޮފީހުގެ ފޯން ލައިންތައްވެސް ބިޒީ...."

"ކޮން ޚަބަރެއްތަ؟" އަސަލްގެ ހަށިގަނޑުގައި ފިނީގެ އިތުރު ރާޅުބާންޏެއް ދަތުރުކޮށްލައިފިއެވެ.

"ޕްލީޒް ޗެކް. މިހިރީ ހަމަ ކޮސްވެފައި......"

އޭނަ އަވަހަށް "ކައުނު ނޫސް" ހުޅުވާލުމާއެކު ލޯ ފުޅާވެގެން ދިޔައެވެ. މަޑުމަޑުން ތެދުވުނެވެ. "ގިޔާމަތްވަނީއޭ؟ ކާއީ ދެން ކޮންމެފަދަ މޮޔަ އެއްޗެއްވެސް ލިޔެފާނެ. ކީކޭ ބުނާނީ..."

އަސަލް އަވަހަށް ގޫގުލްކޮށްލީ އެ ޚަބަރުގެ އެއްވެސް ލިންކެއް ފެނޭތޯއެވެ. އޭނަ ހޯދުމުގައި ފަލަކީ އެފަދަ ޚަބަރަކަށް ފެނުނީ ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ ގިނިހިލައަކާއި ދިމާލަށް ނާސާއިން ކޮންމެވެސް ކަހަލަ އުޅަދެއް ފޮނުވަން މަސައްކަތްކުރާ ވާހަކައެވެ. އެގޮތަށްގޮސް އެ އުޅަދު މުޑިއެރުމުން އަންނަ ލޮޅުމާއެކު ކޮންމެވެސް ވަރަކަށް އޭތި ދައުރުވާ ދިމާލުން ކައްސައިލާ ދުނިޔޭގައި ނުޖެހި ދިޔުމުގެ ފުރުސަތު އޮންނާނެއެވެ. "އާމެގެޑަން" ފިލްމުގައި ގޮއްވައިލިހެން ގިނިހިލަ ގޮއްވުމަކީ ރައްކާތެރި ކަމަކަށް ނުވާނެއެވެ. ނާސާއިން ބޭނުންވަނީ ހަގީގަތުގައި ގިނިހިލައިގެ މިސްރާބު ބަދަލުކުރުމެވެ. ގޮއްވައިލުމެއްނޫނެވެ. ދުނިޔެ ރައްކާތެރިކުރަން ސައިންސްވެރިން ކެނޑިނޭޅި ކުރާ މަސައްކަތުން އެފަދަ ފަލަކީ ކުނިބުނިން ހިމާޔަތްކުރެވިދާނެކަމަށް އެމީހުން ދެކުނެވެ.

އަސަލް އަވަސްވެފައިވާ ހިތަކާއެކު ތިރީބަޔަށް އައެވެ.

***

ކާއިނާތު ގޭގެ ޓެރެސްމަތީގައި ހުރެގެން ދުރުމީއިން ބަލަމުން ދިޔައީ ކަޅު ސާލެއްހެން ފެތުރިފައިވާ އުދަރެހަށެވެ. ހުދު ޖަވާހިރުތައް ފަދައިން ވިދާ ބަބުޅާ ތަރިތަކުގެ ވިދުން މިރޭ މާ ގަދައެވެ. ކަރަންޓް ނެތުމުން އަނދިރީގެ ތެރެއިން ކައުނުގެ ރީތިކަން ފައުޅުވަނީ ހިތްތަކަށް އުފާވެރިކަން ލިބޭފަދަ ގޮތަކަށެވެ. ފިނި ވައިރޯޅިއެއް އޭނަގެ ހަމުގައި ބޮސްދިނުމުން ކޮންމެވެސް ވަރަކަށް ހީބިހި ހަލުވާލައިފިއެވެ. ވަކިން އެކަނި އިން ތަރިއެއް ބޮޑުވަމުންގޮސް ކުއްލިއަކަށް ދަންނަ މޫނެއްގެ ސިފަ ކުރެހުނެވެ. ކާއިނާތު ހިތުގެ ތެޅުން ބާރުވިއެވެ. އެއީ ހަމަ އޭނަ ހެއްޔެވެ؟ އޭނަގެ ލޯބިވެރިޔާ އެތަރިއަށް ޒިޔާރަތް ކުރީހެއްޔެވެ؟ އެތަރިން އޭނަ ފެންނަންވީ ކީއްވެހެއްޔެވެ؟ކާއިނާތު ލޯ ބޮޑުކޮށްލާފައި ދެވަނަ ފަހަރަށް ބަލައިލިއިރު އެ ސޫރަ ނުފެނުމުން ދެފައި ތަޅައިގަނެވުނެވެ. އެއީ ކާއިނާތުގެ އާދައެވެ. އެތައް އިރެއްވާންދެން އޭނަ ތަރިތަކަށް ބެލުމުގައި ވަގުތު ހޭދަކުރާނެއެވެ.

އެރޭވެސް އޭނައަށް ނިދުނީ ފަތިސްވާން އުޅެނިކޮށެވެ. ހުވަފެނެއްގެ ތެރޭ އޮވެފައި ފޯނު ހުޅުވާލުމާއެކު ފެނުނު ޚަބަރަކުން ފުންމައިގެން ތެދުވުނުއިރު އޭނަގެ ހިތް ޖޯޝާއި ފޯރިއާއެކު ތެޅިގަތެވެ. ނޫސްވެރިޔަކަށް މިފަދަ ވަރުގަދަ ޚަބަރެއް ލިބޭނެހެއްޔެވެ؟ ލެޕްޓޮޕް ހުޅުވާލުމަށްފަހު އޭނަ އަވަސްވެގަތީ ކުއްލި ޚަބަރުގެ ގޮތުގައި އެވާހަކަ ގެނެސްދިނުމަށެވެ. ޚަބަރެއް ފުރަތަމަ އިވޭހިނދު ކޮންމެހެން އެއީ ހަގީގަތެއްތޯ ބަލާ ސާފުކުރުން ކާއިނާތުއަކަށް މުހިއްމެއްނޫނެވެ. އޭނަ ބޭނުންވަނީ އެހެން ނޫސްތަކަށްވުރެ "ކައުނު" ނޫހުގައި އެ ޚަބަރު އެންމެ ކުރިން ގެނެސްދިނުމެވެ.

"ދުނިޔޭގެ އެންމެ ފަހު ދުވަސް އަންނަނީކަމަށް ސައިންސްވެރިން ލަފާކޮށްފި..." ކާއިނާތު ލިޔުނެވެ.

"ދުނިޔެއަށްވުރެ ބޮޑު ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހައިފި. އެގިނިހިލަ މި މަހު ފަހުކޮޅު ބިމުގައި ޖެހޭނެ. އިތުރު ތަފްސީލު އަންނަނީ..."

މިހާ ވަރުގަދަ ޚަބަރެއް މިއިން ޒަމާނެއްގައިވެސް ނުލިބޭނެކަން ކާއިނާތުއަށް އެނގޭތީ އޭނަގެ ފައިވެސް ބިންމަތީގައި ނުޖެހި އުދުހެވޭފަދަ އިހުސާސެއްކުރެވުނެވެ.

ކާއިނާތު ނިދިފިލުވުމުގެ ގޮތުން އަވަހަށް ދަތް އުނގުޅާލައިގެންގޮސް ކަޅުކޮފީއެއް ބޯލިއެވެ. ފެންވަރާލުމަށްފަހު ހެދުން ލަމުން ދިޔައިރު ފޯނު ޗާޖަށް ޖެހިއެވެ. އަނެއް އަތުން އޭނަގެ ރާޅުބާނި އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހައިލުމަށްފަހު ބުރުގާ އަޅަންފެށިއެވެ. ދެއަތުގެ ބަދަލުގައި ހަޔެއްކަ އަތް ހުރިނަމަ ވަކިން ފަސޭހަވާނެއޭވެސް ހިތަށް އެރިއެވެ.

"ކާއިނާތު ހާދަ އަވަސްއަރުވާފައި ތިދަނީ؟ ފަތިސް ނަމާދަށް ގޮވީމަވެސް ހޭލެވުނުކަމަކަށްނުވި....." ކާއިނާތުގެ މަންމަ ހާޖަރު ދީނަށް އުޅެން ބާރު އަޅާވަރުން ބައެއްފަހަރު ކާއިނާތުއަށް އުދަގޫވެސް ވެއެވެ.

"އޮފީހަށް....މަންމައަށް އެނގޭތަ؟ ވަރަށް ބޮޑު ހާދިސާއެއް ހިނގަން އެބައުޅޭ. ދުނިޔޭގައި ބޮޑު ގިނިހިލައެއް ޖެހެނީޔޯ....."

"ކީކޭ؟ ގިޔާމަތްވަނީތަ؟"

"އެހެން އެބަކިޔާ. މިހާރު ހިތަށް އަރަނީ ހޯކްސް އެކޭ...މިދަނީ ޚަބަރު ސާފުކުރަން.."

"ގިޔާމަތްވަންޏާ ކީއްކުރަން އޮފީހަށް ދާންވީ؟ މިސްކިތަށް އަރަންވީއެއްނު ކާއިނާތު....." ހާޖަރު މޭގައި އަތް އަޅާ ބާރުކޮށްލިއެވެ.

"މަންމާ ދެން މާ ޑްރެމެޓިކްވާކަށްވެސް ނުވާނެ އަދި ނޭގެއެއްނު ހަގީގަތެއް. ހަގީގަތަކަށްވެއްޖެއްޔާ ކިތައްމެ މީހުންނަކަށް ހާޓްއެޓޭކްޖެހޭނެ...އެންމެ ގިނަވާނީ ކައުން ނޫހަށް ވަންނަ ރީޑާރސް......" ކާއިނާތު އަވަސްވެފައިވާ ހިތް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. ދޮރާށްޓާއި އަރާ ހަމަވެފައި ފިނިފެންމަލެއް ބިނދެލުމަށްފަހު ވަސް ބަލައިލުމުން ސިކުނޑިތެރެއަށް މަލުގެ ވަސް ފޭދިގެންގޮސް ރޫހަށް ދިރުން ގެނުވިއެވެ.

ކާއިނާތުގެ ފަހަތުން ނިކުތް ހާޖަރު އަވަށްޓެރިންނަށް އެ ބިރުވެރި ޚަބަރު ފަތުރައިލުމުން އެންމެނަށް ސިހުމެއްލިބުނެވެ. އެކަން ގަބޫލުކުރިބަޔަކުވެސް އުޅުނެވެ. ބައެއް މީހުން މިސްކިތަށް މިސްރާބުޖެހިއިރު އަނެއްބަޔަކު ވަގުތުން ތައުބާވާން އަވަސްވެގަތެވެ. ބައެއްމީހުން ހާޖަރުއަށް މަލާމާތުގެ ބަސްތަކުން ޖެހިއެވެ. އެ ޚަބަރު ލިބުނުމީހުންގެ ތެރޭ ޔަގީނުންވެސް ހަލަބޮލިކަން އެކިގޮތްގޮތަށް އުފެދި އެވާހަކަ ހިނގައިގަތީ ހިކި ހުއިގަނޑެއްގައި ރޯވެގަތްހާ ބާރު މިނެއްގައެވެ.

***

ކައުނު ނޫސް އިދާރާގެ ކޮންފެރެންސް ރޫމްގައި އެވަގުތު ތިބީ އަސަލްއާއި ކާއިނާތު އެކަންޏެއްވެ. އަސަލް ސީރިޔަސްވެފައި އިންވަރުން މޫނުމަތިން ސަމާސާގެ އެއްވެސް ކުލަވަރެއްނެތެވެ. ތަނުގެ އިސްވެރިޔާއަށް ވިޔަސް ލޯބިވެރިޔާކަމަށްވާތީ އަސަލް އޭނައާއިމެދު ހަރުކަށި ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން ކާއިނާތުއަށް އޮވެއެވެ. ކާއިނާތު އޭނަގެ އަތުގައި އޮތް ފިނިފެންމާ އަސަލްގެ މޭޒުމަތީގައި ބޭއްވިއެވެ.

"އެޑިޓަރ ވަރަށް ރުޅިއައިސްފަ ހުރީ. ހަގީގަތުގައިވެސް ކާއީ ތިހެން ހެދީމަ ނޫސް ބަދުނާމުވާނެ. މީހުން ކިހާ ހަޖޫއެއްޖަހާނެ. ތެދު ޚަބަރުތައް ޕަބްލިކަށް ފޯރުކޮށްދޭން މިވަރުން މަސައްކަތްކުރާއިރު ދޭތެރެއަކުން ކާއީ ތިކަހަލަ ޚަބަރު ލިޔަނީ. މީހުންގެ ސަމާލުކަން ލިބިއްޖެ އެކަމަކު އަހަރެމެންގެ ނޫސް މިވަނީ ދޮގު ޚަބަރު ފަތުރާ ނޫހަކަށް. މީހުންގެ އިތުބާރު ގެއްލިދާނެ...."

"އަސަލް. ކާއީ ބުނެފީމެއްނު. ހުވަފެނެއްގައި އޮވެފައި ތެދުވުނުގޮތަށް އެ ޚަބަރު ކިޔައިލެވުނީ ނުބައިކޮށްކަމާއި އަވަސްކުރަން ހަދައިގެން ނިއުސްފީޑަށް ލެވުނީކަމަށް. ހަގީގަތް އެނގުނީމަ އެ ޚަބަރު ނެގީމަ ނިމުނީނު. ދެން އެޑިޓަރ ކޮންކަމަކާއި ނައްޓައިގެން އުޅެނީ. އޭނަ ކައިރީ އަސަލް ބުނެބަލަ މައިތިރިވެގެން ހުންނާށޭ. ކާކުގެ ނޫހެއް ހެއްޔޭ؟ ކޮފީ ގެނެސްދެންތަ؟ އޭރުން ރިލެކްސްވެދާނެ..."ކާއިނާތު ހެމުން ބުނެލިއެވެ.

"ކާއީ ޕްލީޒް. ތިއީ ޖާނަލިސްޓެއް. ބީ ކެއާފުލް ޕްލީޒް. ދެޓްސް އޯލް އައި އާސްކް އޮފް ޔޫ......." އަސަލް އެދުނެވެ. ކާއިނާތު ކެބިން އިން ނުކުމެފައި އަނގަޔަށް ގޮތެއް ހަދައިލިއެވެ. އަސަލް ޖެހޭނީ އެޑިޓަރވެސް ބަދަލުކުރާށެވެ. އޭނަ އުޅެނީ ކާއިނާތުއާއި ޖައްސާލައިގެންނެވެ. އެފަދަ މީހަކާއިއެކު މަސައްކަތްކުރަން ކާއިނާތުއަށް ފަސޭހައެއްނުވާނެއެވެ.

***

އާޔާ ކަކުލާއި ހަމަޔަށް އޮތް ދޫ ހެދުމަކާއި ބޮޑު ހަރުވާޅަކާއިއެކު ބުރުގާ އެޅުމުން އޭނަގެ ރީތިކަމާއި އެއްވަރަށް މާތްގޮތެއް ހުއްޓެވެ. މޫނުގައި މޮއިސްޗަރައިޒާކޮޅެއް ހާކާލުމަށްފަހު ލޮލުގައި އަނދުން އަޅާލާ ތުންފަތުގައި ލިޕްބާމް ކޮޅެއްލާފައި ހެދުމަށް ސެންޓް ޖަހައިލުމުން އޭނަ ތައްޔާރުވެ ނިމުނީއެވެ. ނިކުންނަން ހިނގައިގެންފާ އަތުގައި އަޅާ ގަޑިއާއި ކެވެލިކޮޅު އެޅިއެވެ.

އާޔާގެ މިސްރާބަކަށްވީ ގެއާއި ޖެހިގެން ހުރި ރެސްޓޯރެންޓެވެ. އޭނަގެ ބައްޕަ އޭނަގެ ނަމުގައި ހުޅުވާފައި ހުންނަ "އާޔާ އައިސްކްރީމް ޕާލާ" އަކީ ތަފާތު ރަހަތަކުގެ އައިސްކްރީމްގެ އިތުރުން ބުއިންތަކާއި ފްރޮސްޓީ އަދި ކޮފީފަދަ ތަކެތިވެސް ލިބެން ހުންނަ މަޝްހޫރު ތަނެކެވެ. ގަވައިދުން އެތަނަށް ޒިޔާރާތްކުރާ މީހުންގެ ތެރެއިން އާޔާާގެ ލޮލުގައި އަޅައިގަންނަނީ ޒުވާން ފިރިހެނަކާއި އޭނަގެ މަންމައެވެ. އެ ޒުވާނާ އޭނަގެ މަންމައާއި އަޅާލާވަރު އެނގެނީ ކާރުން ބާލުވާ އަތުލަފިކޮށްގެން ގެނެސް ގޮނޑިއެއްގައި ބައިންދާ އައިސްކްރީމް ނޫނީ ފްރޮސްޓީ ބޮޑު ތަށްޓެއް ކާން ދޭގޮތުންނެވެ. ވާހަކަދައްކާލެއް އޯގާތެރިކަމުންނެވެ. ބައެއް ދުވަހު އެމީހުންނާއެކު އާއިލާ އެހެން މީހަކު ބައިވެރިކުރެއެވެ.

"ފްރޮސްޓީއަކާއި ކެޕަޗީނޯއެއް..." އެޒުވާނާ ކައުންޓަރު ކައިރިއަށް އައިސް އޯޑަރުދިނެވެ. އެގަޑީގައި އިތުރު ކުއްޖަކު ނެތުމުން އޯޑަރު ނަގަން ޖެހުނީ އާޔާއެވެ.

"ބެލުން ތިރިކުރޭ އާޔާ.." އާޔާގެ ހިތް އަޑުލައިގަތެވެ.

"އަސަލް...ދަރިފުޅާ..." އަންހެންމީހާ ގޮވައިލުމުން ޒުވާނާގެ ނަން އާޔާއަށް އެނގުނެވެ. ނަމާއި އެއްވަރަށް އަޚުލާގު ރީތި ޒުވާނެކެވެ. އެލޮލުން ފާޅުވަނީ އަޖައިބެއްފަދަ އޯގާތެރިކަމެކެވެ. ފަނޑު ހިނިތުންވުމެއް ތުންފަތުގައިވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު