ޝެފްސް ގިލްޑްއާއި އެފްއެޗްޓީއެސް ގުޅިގެން ބައިނަލްއަގްވާމީ ޝެފުންގެ ދުވަސް ފާހަގަކޮށްފި

ޝެފްސް ގިލްޑާއި އެފްއެޗްޓީއެސް ގުޅިގެން ކެންގަރޫ ކިޑްސް ޕްރީސްކޫލުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޝެފްސް ގިލްޑް

ދިވެހި ޝެފުންގެ ޖަމްޢިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގުޅިގެން ބައިނަލްއަގްވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

އެގޮތުން މިދުވަސް ފާހަގަކުރުމުގެ ގޮތުން ސީޖީއެމްއާއި އެފްއެޗްޓީއެސް ގުޅިގެން ކެންގަރޫ ކިޑްސް ޕްރީސްކޫލުގެ 900 ދަރިވަރުންނާއެކު މިއަދު ވަނީ ވަރަށް ޚާއްސަ ތިން ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހެލްތީ އީޓިންގް ނުވަތަ މިންހެޔޮކޮށް ކެއުމާ ބެހޭ ސެޝަނަކަށާއި, އާޓްސް އެންޑް ކްރާފްސް ސެޝަނެއްގެ އިތުރުން މިންހެޔޮކޮށް ކެއުން ތައްޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން ތަރުކާރީ ބޭނުންކޮށްގެން އޮމްލެޓް ހަދަން ދަސްކޮށްދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން ވެސް ބައިނަލްއަޤުވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ މެމްބަރުން ދަނީ ފާހަގަކޮށްލެވޭ އެކިއެކި ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ރޯޔަލް އައިލެންޑް ރިސޯޓުގެ ޝެފުން މި ހަފްތާގައި އެ ރިސޯޓުގައިވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ޝެފުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ކެއްކުމުގެ ފަންނުގެ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް، އެ ފަންނު ކުރިއަރުވައި އަންނަން ހުރި ޖީލުތަކަށް އެ ފަންނު ފޯރުކޮށްދިނުމެވެ.

ޝެފްސް ގިލްޑާއި އެފްއެޗްޓީއެސް ގުޅިގެން ކެންގަރޫ ކިޑްސް ޕްރީސްކޫލުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ޝެފްސް ގިލްޑް

މި އަހަރުގެ ބައިނަލްއަޤުވާމީ ޝެފުންގެ ދުވަހުގެ ތީމަކީ "ގްރޯވިންގް އަ ހެލްތީ ފިއުޗާ" ނުވަތަ ދުޅަހެޔޮ މުސްތަޤުބަލެއް އާލާކުރުމެވެ. މި ތީމް މެދުވެރިކޮށް ފޯރުކޮށްދޭ މެސެޖަކީ އަންނާން ހުރި ޖީލުތަކަށް ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދުނިޔެއެއް ކަށަވަރުކޮށްދިނުމެވެ. މި މަޤްސަދު ހާސިލުކުރެވޭނީ ކާނާއާއި ތިމާވެއްޓާ އޮންނަ ގުޅުން، ކުޑަކުދީންނަށް ކިޔައިދީގެންނެވެ.

ބައިނަލްއަޤުވާމީ ޝެފުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 2004 ވަނަ އަހަރުއެވެ.

comment ކޮމެންޓް