ޕާޓީތަކަށް ފައިސާ ދޭ އުސޫލު ބަދަލުކުރަން ބިލެއް ފަރުމާކުރަން ކޮމިޓީން ފާސްކޮށްފި

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއް ކުރިއަށް ދަނީ--- ފޮޓޯ/ މަޖިލިސް

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލު ބަދަލު ކުރުން ހިމެނޭހެން ސިޔާސީ ޕާޓީގެ ގާނޫނު އިސްލާހު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި އިސްލާހުތައް އެޓާނީ ޖެނެރަލްގެ ލަފަޔާއެކު ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

އެ ނިންމުން ކޮމިޓީން ނިންމާފައިވަނީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި ޢަމަލުކުރަމުންދާ އުސޫލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހުގައެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަނާ ވެސް ބައްދަލު ކޮށްފައެވެ.

އެގޮތުން ސައްޙަ ނޫން ފޯމުތައް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައިގަނޑު ސަބަބަކީ ދައުލަތުން ޕާޓީތަކަށް ފައިސާ ޚަރަދުކުރަމުންދާތީ ކަން އެ ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ޚަރަދުކުރުން ހުއްޓުމަކަށް ގެނެސްފިނަމަ އެކަން ހައްލުވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރާ ކަމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ.

ދައުލަތުން ޕާޓީތަކަށް ކޮންމެހެން ފައިސާ ޚަރަދުކުރަން ޖެހޭގޮތަށް ސިޔާސަތު ކަނޑައަޅާނަމަ ޕާޓީއަށް ރަޖިސްޓްރީވުމާއި ޕާޓީން ވަކިވުމަށް މިހާރު ކުރިމަތިވަމުންދާ ހުރަސްތައް ހައްލު ކުރުމަށް އެ ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅު އެއް ހައްލަކީ އިންތިޚާބުގައި ވޯޓު ލިބޭ އަދަދަށް ބަލައިގެން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލު ހަމައްޖެއްސުން ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.

ސިޔާސީ ޕާޓީތައް ހިންގުމުގައާއި ޕާޓީގެ ކަންކަން ބެލެހެއްޓުމުގައި އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އެކަންކަން ހައްލު ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް އެ ކޮމިޝަނުން ފާހަގަ ކޮށްފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ފުއާދު ވިދާޅުވީ، އަންނަ ދައުރުގައި ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް ބަދަލު ގެނައުމާ ބެހޭ ގޮތުން އެ ކޮމިޝަނުގެ ޚިޔާލުތައް މިހާރު ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ސިޔާސީ ޕާޓިތަކަށް ދޭ ފައިސާގެ 20 ޕަސަންޓު ހުރިހާ ޕާޓިއަކަށް ހަމަހަމައަށް ބަހާލުމަށްފަހު، 80 ޕަސެންޓު ފައިސާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ބަލާފައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއް ހުށަހެޅުމަކީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލުން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުން ހުއްޓުވުމަށް އެ ކޮމިޝަނުން މިހާރު ދަނީ އެ ޕާޓިއަކުން ހުށަހަޅާ ފުރަތަމަ ވަގުފޯމަށް ޕާޓިގެ ރެޖިސްޓްރާ 5000 ރުފިޔާއިން ޖޫރިމަނާކުރަމުންނެވެ. އަދި ދެވަނަ ފޯމުން ފެށިގެން ހުށަހަޅާ ކޮންމެ ވަގު ފޯމަކަށް ޕާޓިގެ ރަޖިސްޓްރާ 10،000 ރުފިޔާއިން އަދި ޕާޓި ވެސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް