އައްޔަންކުރި ކޯޓު ނޫން އެހެން ކޯޓަކަށް ނުކުތުމުން މެޖިސްޓްރޭޓަކު ސަސްޕެންޑް ކޮށްފި

ޖޭއެސްސީގެ ބައެއް މެންބަރުން: އައްޔަނުކުރި ކޯޓު ނޫން އެހެން ކޯޓަކަށް ނިކުންނަ މެޖިސްޓްރޭޓަކު ވަނީ ސަސްޕެންޑް ކޮށްފަ --- ފޮޓޯ: ޖޭއެސްސީ

އައްޔަން ކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ވަޒީފާއަށް ނުކުތުމުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓަކު ސަސްޕެންޑް ކުރުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރު އެ ކޯޓަށް ވަޒީފާއަށް ނުކުންނަން އަންގާފައި ވީނަމަވެސް އޭނާ ނުކުންނަމުން ގޮސްފައި ވަނީ އޭނާއާ ހަވާލުކޮށްފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ.

އެކަން ލިޔެކިޔުންތަކުގެ އިތުރުން އިސްމެޖިސްޓްރޭޓްގެ އިއުތިރާފުން ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީގެ އުސޫލު ބުނާގޮތުން މެޖިސްޓްރޭޓް ނުކުންނަން ޖެހޭނީ އޭނާ އައްޔަން ކޮށްފައިވާ ކޯޓަށެވެ. ހަވާލުކޮށްފައިވާ ކޯޓަށް ދާން ޖެހޭނީ މައްސަލަތައް ބެލުމަށް އެކަންޏެވެ.

އިސްމެޖިސްޓްރޭޓް ނިޝާރު ޢަމަލުކޮށްފައި ވަނީ ކޯޓުތަކުގެ މަސައްކަތްކުރުމާއި ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

އެހެންކަމުން ޖޭއެސްސީން ނިންމާފައިވަނީ އިސްމެޖިސްޓްރޭޓް ނިޝާރަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތުން 14 ދުވަހަށް އެކަހެރި ކުރުމަށެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް ނިޝާރުގެ މައްސަލައެއް ބަލާފައެވެ. އެފަހަރު ޖޭއެސްސީން ބަލާފައިވަނީ ނިޝާރުއާ ވިޔާފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ބ.ގޮއިދޫ ކޯޓަށް ހުށަހެޅުނު ގަޒިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ އޭނާ އެ ގަޒިއްޔާ ކުރިއަށް ގެންދިއުމުންނެވެ.

comment ކޮމެންޓް