ރާޅާއަޅާ ގައުމީ ޓީމުތައް ބީއެމްއެލްއިން ސްޕޮންސާކޮށްފި

ބީއެމްއެލްއާއި އެމްއެސްއޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އާއެކު ގައުމީ ރާޅާއަޅާ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން، އެމްއެސްއޭއިން ބާއްވާ ނޭޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް އެ ބޭންކުން އެހީވާނެ ކަމަށެވެ.

ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވި ސާފިން އެސޯސިއޭޝަނަށް އެހީތެރިވުމަކީ އެ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރާއި އެ މީހުން ހޯދަމުންދާ ކާމިޔާބީ އެ ކުންފުންޏަށް ފާހަގަކޮށްލެވޭ ކަމަށެވެ.

"އަދި މި ޕާޓްނާޝިޕްގެ ދަށުން އަޅުގަނޑުމެން އުންމީދު ކުރަނީ މި ކުޅިވަރު ކުރިއެރުވުމާއި ޒުވާން އެތުލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދިއުން،" ޢާއިޝަތު ވިދާޅުވިއެވެ.

ބީއެމްއެލްއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ވަނީ ގައުމީ ފުޓްބޯޅަ، ސްވިމިން އަދި ޓެނިސްއާއެކުވެސް ޕާޓްނާޝިޕްތައް ހަދާފައެވެ. އަދި ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދި ފަހުން ބީއެމްއެލްއިން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތުލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

comment ކޮމެންޓް