ފުރޮޅުލީގޮނޑިއެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހިފަހައްޓައި، ގޮނޑީގެ ވެރިފަރާތް ހޯދަނީ

މާލޭގެ މަގެއްގައި ފުލުހަކު ހަރަކާތްތެރިވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ފުރޮޅުލީގޮނޑިއެއް ވަގަށް ނެގި މީހަކު ފުލުހުން އަތުލައިގަނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފަޝަލަކު "ސަން"އަށް ވިދާޅުވީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފުރޮޅުލީގޮނޑި ހިފައިގެން ދިޔަ މީހަކު މިރޭ 19:00ހާއިރު މާލޭގެ ގަލޮޅު ދަނޑު ކައިރިން، ބަނަފްސާ މަގުން ހިފަހައްޓާފައިވާ ކަމަށެވެ.

އެ މައްސަލައިގައި 37 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ އެ ފުރޮޅުލީގޮނޑީގެ ވެރިފަރާތް ހޯދަމުންނެވެ.

މީގެ ކުރިން، "އޯޓިޒަމް ރާއްޖެ" ކިޔާ ފޭސްބުކް ޕޭޖެއްގައި މިއަދު ވަނީ ކުއްޖެއްގެ ފޮޓޯ އާންމުކޮށް އެ ކުއްޖާގެ ފުރޮޅުލީގޮނޑި ވަގަށް ނަގާފައިވާކަމަށް ލިޔެފައެވެ.

އެ ޕޯސްޓުގައިވާ ގޮތުން، ކުއްޖާގެ ފުރޮޅުލީ ގޮނޑި ވަގަށް ނެގީ އަވީގައި ހިއްކަން ބެހެއްޓި ވަގުތުގައެވެ.

comment ކޮމެންޓް