މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންްޖް 2022 ފަށައިފި

މޯލްޑިވްސް އިންޓަނޭޝަލް ޗެލެންޖު 2022 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް އިންޓަނޭޝަލް ޗެލެންޖު 2022 ފަށައިފިއެވެ.

މިިއަދު ހެނދުނު ކުޅިވަރު އެކުވެނީގައި ފެށި އެ މުބާރާތް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.

އެ މުބާރާތަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

ހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޓަނޭޝަނަލް ޗެލެންޖާއި ބެޑްމިންޓަން ފިއުޗާ ސީރީސްގެ ނަމުގައި މުބާރާތްތަކެއް 2019 ވަނަ އަހަރު ބޭއްވިއެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން އެ މުބާރާތްތަކަށް ހުއްޓުމެއް އައުމަށްފަހު އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތް މިއަަދު ވަނީ އަނެއްކާވެސް ފަށައިފައެވެ.

މޯލްޑިވްސް އިންޓަނޭޝަލް ޗެލެންޖު 2022 ގެ ތެރެއިން ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހަށެވެ. މިމުބާރާތުގައި ދުނިޔޭގެ 25 ޤައުމަކުން 200 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. އެ ކުޅުންތެރިންގެ ތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވެސް ހިމެނެއެވެ.

މިއަަދު ހަވީރު 3:30 ގައި ރާއްޖޭގެ ނިބާލް އަހުމަދު އެ މުބާރާތުގައި ކުޅޭނެއެވެ. ފިރިހެން ސިންގަލްސްގައި އޭނާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓްރިންޑާޑްގެ ނިކޮލަސް ބޮންކޯސްކީއާއެވެ.

އެ މުބާރާތުގައި ބައިވެރިވާ ރާއްޖެ ޓީމުގެ ކުޅުންތެރިން ވަނީ އެ ކުޅުންތެރިންނަށް ސަޕޯޓުކުރުމަށް ކުޅިވަރު އެކުވެންޏަށް ވަދެ ހޯލު ފުރައިލުމަށް އެދިފައެވެ.

comment ކޮމެންޓް