ތަޣައްޔަރުވެފައިވާ ބޭހެއްގެ ސަބަބުން ޔަމަނުގެ 10 ކުދިން މަރުވެއްޖެ

ޔަމުގައި ކުޑަކުއްޖަކަށް ފަރުވާ ދެނީ --- ފޮޓޯ/ އެމްއެސްއެފް

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ޔަމަނުގެ 10 ކުދިން މަރުވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކުދިން މަރުވެފައިވަނީ ބައްޔަށް ފަރުވާދޭން ތަޣައްޔަރުވެފައިވާ ބޭހެއް އިންޖެކްޓު ކުރުމުގެ ސަބަބުންނެވެ.

ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮތް އެ ގައުމުގެ ވެރިރަށް ސަނާގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ތިން އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނެވެ.

ސަނާގެ ސިއްހީ އިދާރާއަކުން މައުލޫމާތު ދިން ގޮތުގައި ލުކީމިއާއަށް ފަރުވާދިނުމުގެ ގޮތުން ބޭނުންކުރި އެ ބޭހުގެ މުއްދަތު ވަނީ ހާމަވެފައެވެ.

ހަނގުރާމައިގެ ސަބަބުން ބަރުބާދުވެފައިވާ ޔަމަނަށް ސިއްހީ ބޭސް އެތެރެކުރަނީ އެކަމުގެ ވަގު ވިޔަފާރި ކުރާ ފަރާތްތަކުންނެވެ. މި މީހުން ބޮޑު އަގުގައި މުއްދަތު ހަމަވެފައިވާ ބޭސްތައް ޔަމަނުގެ އެކިއެކި ކްލިނިކްތަކަށް ވިއްކައެވެ.

ހޫތީން ވަނީ މި ހާދިސާ ހިނގާފައިވަނީ ސައުދީ ކޯލިޝަނުން ހޫތީންގެ ބާރުގެ ދަށުގައި ތިބި ސަރަހައްދުތަކަށް އެހީ ފޯރުކޮށްދެވޭނެ ގޮތްތައް ހަނިކުރުމުގެ ސަބަބުންކަމަށް ބުނެފައެވެ.

ސައުދީ ކޯލިޝަނާއި ހޫތީންނާ ދެމެދު ކުރެވޭ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ 150،000 މީހުން މަރުވެފައިވާއިރު، ޔަމަނަށް ވަނީ ބޮޑު އިންސާނީ ކާރިސާއަކާ ކުރިމަތިވެފައެވެ.

comment ކޮމެންޓް