އަޒްހާންގެ ހަށިގަނޑު މާލެ ގެނެސްފި، މާދަމާ ވަޅުލަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނުނު އަޒްހާން ---

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27، ޕޯސްޓްމޯޓަމް ހެދުމަށްފަހު، ރާއްޖެ ގެނެސް މާދަމާ ޖަނާޒާ ބާއްވަން ނިންމައިފިއެވެ.

އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މާލެ ގެނައީ މިރޭގެ ވަގުތެއްގައެވެ.

މިހާތަނަށް އެއްވެސް ފަރާތަކުން ހުޅުމާލެއިން ފެނުނީ އަޒުހާންގެ ހަށިގަނޑުކަމެއް ޔަގީން ކޮށެއް ނުދެއެވެ. ނަމަވެސް ކަށުނަމާދު ޕޭޖުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެއީ އަޒްހާންގެ ހަށިގަނޑެވެ.

އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާ ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.

https://sun.mv/168860

އެ ދުވަހުން ފެށިގެން އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓައިނުލާ ކުރަމުން ދަނިކޮށް، މި މަހުގެ ދެވަނަ ދުވަހުގެ 17:45ހާއިރު އަޒުހާން ކަމަށް ޝައްކު ކުރެވޭ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީ އޮންނަ ހުސްބިމުންނެވެ.

އެތަނަކީ ވަރަށް ގިނައިން ވިނަ އާއި ގަސް ހެދިފައި އޮންނަ ސަރަހައްދެކެވެ. އެ ހަށިގަނޑު ފެނުނު އިރު އޮތީ މަރުވިތާ ގިނަ އިރު ވުމުން ސިފަ ވަކި ނުވާވަރަށް ކުނިވެފައެވެ.

އަޒްހާންގެ ޕޯސްޓްމޯޓަމް ހަދައި ނިމިފައި ވީނަމަވެސް މިހާތަނަށް އޭގެ ނަތީޖާއެއް ހާމައެއް ނުކުރެއެވެ. ފުލުހުން އެންމެ ފަހުން ބުނެފައިވަނީ އޭނާ މަރާލި ކަމަށް އެއްވެސް މީހެއްގެ މައްޗަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.

އަޒްހާންގެ އެންމެ ފަހުގެ ވަގުތުތައް އޭނާ ހޭދަކޮށްފައިވަނީ ލޯބެރިޔާއާއެކުއެވެ. އެލޯބިވެރިޔާ މި ނޫހަށް ކިޔައިދިން ގޮތުގައި ގެއްލުނު ދުވަހު އަޒްހާން ވަނީ ވަރަށް ގިނައިން އަމިއްލައަށް މަރުވާ ވާހަކަ ދައްކައިފައެވެ.

އަޒްހާންގެ ލޯބިވެރިޔާ ލިއުޝާ އަލީ ކިޔައިދިން ގޮތުގައި އަޒުހާން، ނަފްސާނީ ބައްޔެއް ކަމަށްވާ ސްކިޒޮފްރޭނިއާއަށް ފަރުވާ ކުރާތާ ވަރަށް ދުވަސް ވެއްޖެއެވެ. މިފަހުން ހުރީ ބޭސް ހުސްވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.

އަޒުހާންގެ ނަފްސާނީ އުނދަގޫތަކާ ހެދި މާ ރުޅިގަދަވުމުގެ ސަބަބުން މީގެ ކުރިން ޖެންޑާ މިނިސްޓްރީއާއި ފުލުހުން ވެސް އަޒުހާން ދިރިއުޅޭ ގެއަށް ގޮސް އެކަން ހައްލު ކޮށްފައި އެބަހުރި ކަމަށް ލިއުޝާ ބުންޏެވެ.

comment ކޮމެންޓް