ބެންޗުން އަރައި ހަ މިނެޓު ތެރޭ ސަލާހު ހެޓްރިކު ހެދި މެޗުން ލިވަޕޫލަށް ބޮޑު މޮޅެއް

ސަލާހު ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގުގައި ހަ މިނެޓު ތެރޭ މުހައްމަދު ސަލާހު ހެޓްރިކް ހެދި މެޗުން ލިވަޕޫލަށް ރޭންޖާސް އަތުން ބޮޑު މޮޅެއް ލިބިއްޖެއެވެ.

ރޭންޖާސްގެ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ރޭ ކުޅުނު އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ.

ރޭ ގެ މެޗުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖެހީ ރޭންޖާސް އިންނެވެ. އެ ގޯލަކީ ރިޔަން ޖެކް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި ސްކޮޓް އާފީލްޑް ޖެހި ގޯލެކެވެ.

ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ކޮސްޓާސް ސިމިކާސް ނެގި ކޯނަރަކުން ރޮބާޓޯ ފިރްމީނޯ ބޮލުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ދެ ޓީމު އެއްވަރު ވެގެން ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޖޯ ގޯމޭޒް ނެގި ހުރަހަކުން ފިރްމީނޯ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ރޭންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ޗެމްޕިއަންސް ލީގު

މެޗުގެ 66 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ފިރްމީނޯ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ޑާވިން ނުނޭޒް ޖެހި ގޯލެކެވެ.

ތިން ވަނަ ގޯލަށް ފަހު ލިވަޕޫލުން ވަނީ އަނިޔާގެ ސަބުބުން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރި ތިއާގޯ އަލަކަންޓާރާއާއި ލިވަޕޫލްގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހު ކުޅުމަށް ނެރެފައެވެ.

ސަލާހު ކުޅެން ނިކުތްތާ ހަތް ވަނަ މިނެޓުގައި، މެޗުގެ 75 ވަނަ މިނެޓުގައި އޭނާ ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑިއޭގޯ ޖޮޓާ ތަނަވަސްކުރި ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.

އޭގެ ފަސް މިނެޓު ފަހުން ސަލާހު ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ވެސް ޖޮޓާގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.

ސަލާހު ގޯލުޖެހިތާ މިނެޓެއްގެ ތެރޭގައި އަނެއްކާ އޭނާ ވަނީ ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އެ ގޯލަކީ ވެސް ޖޮޓާ ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.

ލިވަޕޫލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--- ފޮޓޯ/ ޗެމްޕިއަންސް ލީގް

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ސަލާހު މެޗުގައި ހެޓްރިކް ހެދީ ހަ މިނިޓް 12 ސިކުންތު ތެރޭގައެވެ. އެއީ ޗެމްއަންސް ލީގުގެ ތާރީޚްގައި ވެސް އެންމެ އަވަހަށް ކުޅުންތެރިއެއް ހެދި ހެޓްރިކެވެ.

މީގެ އިތުރުން ސަލާހު ވަނީ އިނގިރޭސި ކުލަބަކަށް ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރާލައިފައެވެ. ސަލާހު ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް 38 ގޯލު ޖަަހައިފައެވެ. އޭނާ މުގުރާލައިފައިވަނީ ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ އަގުއެރޯ 36 ގޯލު ޖަހައިގެން ހަދައިފައިވާ ރެކޯޑެވެ.

ރޭ ގެ މެޗުގެ ލިވަޕޫލްގެ ހަތް ވަނަ ގޯލަކީ ހާވީ އެލިއަޓް ޖެހި ގޯލެކެވެ. އޭނާ އެ ގޯލު ޖެހީ ޖޮޓާ ފޮނުވާލި ހަމަލާ ރޭންޖާސްގެ ކީޕަރު އަތުގައި ޖެހިފައި ކުޅުމަށް އެނބުރި އައުމުން އެ ބޯޅު އެއްފަހަރުން ފޮނުވާލައިގެންނެވެ.

ރޭގެ މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ލިވަޕޫލް އޮތީ ގްރޫޕް އޭގެ ތާވަލުގެ ދެވަނައިގައެވެ. އަދި މެޗުން ބަލިވި ރޭންޖާސް އޮތީ އެއްވެސް ޕޮއުންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.

އެ ގްރޫޕްގައި ހިމެނޭ ނަޕޯލީއާއި އަޔެކްސް ވަނީ ރޭގައި ކުޅެފައެވެ. އެ މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނަޕޯލީ ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ މެޗުން މޮޅުވެ ނަޕޯލީ ތާވަލުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ. އަދި އަޔެކްސް ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް