ތުރާކުނު ކައުންސިލުން އެރަށު ގޭބީސީތަކަށް ސާފު ބޯފެނުގެ ނިޒާމެއް ގާއިމްކޮށްދެނީ

ހއ. ތުރާކުނު -- ފޮޓޯ/ ވިޒިޓް ތުރާކުނު ފޭސްބުކް ޕޭޖް

ހއ. ތުރާކުނު ކައުންސިލުން އިސްނަގައިގެން އެރަށު ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފް "ސަން"އަށް މިއަދު ވިދާޅުވީ މިފަދަ ކަމެއް އެ ކައުންސިލުން ކުރަން ނިންމީ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އަދި ރަށުގައި ބޭނުންކުރާ ޕްލާސްޓިކު ފުޅި ބޭނުންކުރާ މިންވަރު މަދު ކުރުން ވެސް އެއީ މަގުސަދެއް،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ވޯޓާ ޕިއުރިފަޔާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް އަލީ ވިދާޅުވިއެވެ. އެގޮތުން ފުތަރަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭން ނިންމާފައި ވަނީ 20 ވޯޓާ ޕިއުރިފަޔާކަމަށް އޭނާ ވިދަޅުވިއެވެ.

"ނިމިގެން ދާއިރު ރަށުގެ ހުރިހާ ގޭބިސީތަކަކަށް ވޯޓާ ޕިއުރިފަޔާ ފޯރުކޮށްދެވޭނެ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ވޯޓާ ޕިއުރިފަޔާއަށް ފައިސާ ދިނުން އަހަރެއްގެ މައްޗަށް ބަހާލައިގެން ކުރިއަށްގެންދެވޭނެ ކަމަށް ވެސް އަބްދުއްލަތީފް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް މިކަން ކުރިއަށް މިގެންދަނީ،" އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާރު ކުރިއަށްދަނީ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންގެ ނަން ނޯޓުކުރުމެވެ. އަބްދުއްލަތީފް ވިދަޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވާނެކަމަށެވެ. އަދި މިކަމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އޭނާ ވަނީ ތުރާކުނު ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ.

comment ކޮމެންޓް