ނާސާގެ އެސްޓްރޯނަޓް ރާއްޖޭގެ ސްޕޭސް ޓީމަށް ތައުރީފު ކޮށްފި

ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ، ދިވެހި ސްޕޭސް މިޝަންގެ ޓީމާ ބައްދަލުކުރައްވަނީ --- ފޮޓޯ/ އައިޖީއެސް

ރާއްޖޭގައި މިހާރު ހުންނެވި ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ، ދިވެހި ސްޕޭސް މިޝަންގެ ޓީމަށް ތައުރީފު ކުރައްވައިފިއެވެ.

ރާއްޖޭގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް)އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހައިޑީ، ދިވެހި ސްޕޭސް މިޝަން "އަޒުމް"ގެ ޓީމާ ބައްދަލުކުރެއްވި ކަމަށެވެ.

އެމެރިކަން ސެންޓަރުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ހެއިޑީގެ އިތުރުން އެމެރިކާގެ އޮފިޝަލުން ވެސް ދިވެހި ސްޕޭސް ޓީމަށް ހިތްވަރު ދެއްވި ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ ބޮޑެތި ގޮންޖެހުންތަކާއެކު ވެސް ރާއްޖެއިން ސެޓެލައިޓެއް ލޯންޗު ކުރުމަށް ކުރާ މަސައްކަތް ހެއިޑީ ފާހަގަކޮށް، އެކަމަށް ތައުރީފު ކުރެއްވި ކަމަށެވެ.

ހަމައެއާއެކު ދިވެހި ސްޕޭސް ޓީމަށް ހިންގި ނެނޯ ސެޓްލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯހުގެ ސެޓްފިކެޓް ހަވާލުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ވެސް ޝަރަފުވެރި ކޮށްދެއްވީ ހެއިޑީ ކަމަށް އައިޖީއެސްއިން ބުންޏެވެ.

އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ ގުޅިގެން ބޭއްވި އެ ކޯހުގެ ބޭނުމަކީ ސެޓްލައިޓް ޑިޒައިންކޮށް، ބިލްޑުކޮށް އަދި ލޯންޗުކޮށް، ސައިންޓިފިކް ރިސާޗު ހަދަން ދަސްކޮށް ދިނުމެވެ.

ސްޕޭސް މިޝަންގެ މަގުސަދަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓޯޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓްކުރުން ކަމަށްވާއިރު، އެ ސެޓްލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމަށް ހަދާ ސެޓެލައިޓެކެވެ.

ސްޕޭސް މިޝަންގެ ޓީމުގައި 30 އަހަރުން ދަށުގެ ހަތް ޒުވާނުން ހިމެނޭއިރު އެއީ ދެ އަންހެނަކާއި ފަސް ފިރިހެނުންނެވެ.

އެ ޓީމުގައި ހިމެނޭ ޒުވާނުންނަކީ އެރޯސްޕޭސް އިންޖީނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖީނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް