މަސްވެރިންގެ ހައްގުގައި ބޭއްވި އެއްވުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނާ މައްސަލަ ބޭރުކޮށްލައިފި

މަސްވެރިންގެ ހައްގުގައި ކަމަށް ބުނެ، އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން އަންހެނަކު ހައްޔަރު ކުރަނީ--- ސަން ފޮޓޯ

މަސްވެރިންގެ ހައްގުގައި އަޑުއުފުލުމަށް އިއްޔެ އިދިކޮޅުން ބޭއްވި މުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން މުޒާހަރާ ރޫޅާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 23 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިގަތުމަށް އަށް މެމްބަރަކު ވޯޓުދެއްވިއިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު ވިދާޅުވިއެެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ އެ މުޒާހަރާގައި އެތައްބަޔަކު ހައްޔަރުކޮށް، ކަނބަލުންގެ ކަރާމާތް ނަގާލި މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް--- ފޮޓޯ/ މަޖިލިސް

މެމްބަރު ވިދާޅުވީ މަސްވެރިންނަށް މިސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭތީ މަސްވެރިންގެ ހައްގުގައި އިދިކޮޅުން ބޭއްވި މުޒާހަރާ ރޫޅާލީ ހާލަތާ ނުބައްދަލު ބާރުގެން ބޭނުން ކޮށްގެން ކަމަށެވެ. އަދި ރައްޔިތުން ހައްގުތަކުން މަހުރޫމް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެއްވެ އުޅުމާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށް ވާއިރު އެ ހައްގު ހަނިކޮށް، ރައްޔިތުންގެ ހައްގުތަކުން ވަނީ މަހުރޫމްވެފައި،" މެމްބަރު ވިދާޅުވިއެވެ.

ކުއްލި މައްސަލައިގައި ވިދާޅުވެފައިވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ރޫޅާލި އެ މުޒާހަރާގައި އަންހެން ކަނބަލުންގެ ކަރާމާތް ނަގާލާފައިވާއިރު އެއީ ފުލުހުންގެ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

އެ މުޒާހަރާ ރޫޅާލުމުގައި ރައްޔިތުންނަށް އަނިޔާ ލިބޭނެހެން ފުލުހުން ކަންތައް ކޮށްފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. އަދި އެއީ ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފު ކަމެއްކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ އޭގެ ސަބަބުން އިދިކޮޅު ކޯލިޝަނުގެ މަސައްކަތަށް ވެސް ހުރަސް އެޅޭ ކަމަށެވެ.

މެމްބަރު ވިދާޅުވީ މުޒާހަރާގައި ހައްޔަރު ކުރި މީހުން ދޫކޮށްލާ، އަންހެނުންގެ ކަރާމާތަށް އަރައިގަނެފައިވާތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މަސްވެރިންގެ ޝަކުވާތަކާއެކު ޕީޕީއެމް/ޕީއެންސީއިން ކުރިއަށްގެންދާ އިހުތިޖާޖު -- ފޮޓޯ/ ޕީޕީއެމް

ޕީޕީއެމް އާއި ޕީއެންސީއިން "ލޭނާރު"ގެ ނަމުގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން 10 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އިދިކޮޅުން އިހުތިޖާޖު ކުރިއަށްގެންދިޔައީ މަސްމާރުކޭޓު ކުރިމަތީގައެވެ. އެ އިހުތިޖާޖުގައި އިސްކޮށް ތިއްބެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.

comment ކޮމެންޓް