ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް އޮތުމުން މާލޭގެ ތަރައްގީގެ ގިނަ މަސައްކަތްތައް އޮތީ މަޑުޖެހިފައި: ޑރ. މުއިއްޒު

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ ސިޓީ ކައުންސިލު

މާލޭ ސިޓީގެ ތަރައްގީއަށް ކުރަން ހުރި އެތައް މަސައްކަތްތަކެއް ނުކުރެވި މަޑުޖެހިފައި އެބަހުރި ކަމަށާއި މާލޭގެ ތަރައްގީ ހުއްޓިފައިވަނީ ލޭންޑްޔޫސް ޕްލޭން ފާސްނުކޮށް އޮތުމުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއިއްޒު ވިދާޅުވީ ތިން ފަހަރު މަތިން އިސްލާހުކޮށް މާލޭގެ ލޭންޑް ޔޫސް ޕްލޭން ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް އެ ފާސްކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން މާލޭގެ ތަރައްގީ ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޯހިޔާވަހިކަން ފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބަރޯސާވާން ޖެހެނީ ލޭންޑް ޔޫސް ޕްލޭންއަށް، އެކަން ނުވެ އޮތީމަ ކުރަން ޖެހޭ މަސައްކަތްތައް ކުރިއަކަށް ނުދޭ،" އޭނާ ވިދާޅުވިއެވެ.

މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދަން މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ 2،500 ފްލެޓާއި ޕާކިން ބިލްޑިންގްގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ ސަރުކާރުުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ވިލިމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 500 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ކައުންސިލުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު އޮތީ ނިމިފައެވެ.

އެގޮތުން ބިޑިންް އާއި އެހެން ހުރިހާ ކަމެއް ނިމިފައިވާއިރު ލޭންޑް ޔޫސް ޕްލޭން ފާސް ނުވާނަމަ ތަންފީޒު ނުކުރެވޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް ސަރުކާރުގެ ފަރާތުން މާބޮޑު ދަތިތަކެއް ކުރިމަތި ނުވާ ކަމަށާއި އެ ޕްލޭން ފާސްވެގެން އަވަހަށް މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ކުރިއަށްގެންދަން ހުރި އެހެން މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގައި 2،000 ހައުސިން ޔުނިޓް އިމާރާތް ކުރަން ނިންމާފައި ވަނީ ސިނަމާލެ އާއި މާލޭ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ކަމަށެވެ.

މި އަހަރުގެ ފަހުކޮޅު އެކަމުގެ މަސައްކަތް ފަށައި އޭގެ އަމަލީ މަސައްކަތުގެ ބޮޑު ބައި އަންނަ އަހަރު ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ މަޝްރޫއު މިހާތަނަށް ނުފެށި އޮތީ ލޭންޑް ޔޫސް ޕްލޭން ފާސްނުވާތީ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހުށަހަޅައިފައި ވަނީ ރައްޔިތުންނާ ބައްދަލުކޮށް އެތައް ކޮމެންޓެއް ހިމަނައި، އެ ކަމާ ބެހޭ އެކްސްޕާޓެއް ހަޔާކޮށްގެން ކަމަށެވެ.

"މި ބޭފުޅާ ލައްވައި ލޭންޑް ޔޫސް ޕްލޭން ހުށަހަޅައިގެން އުޅޭތާ އަހަރެއް މި ވަނީ. ތިން ބުރަށް ރަނގަޅު ކޮށްފިން. އެ މީހުން ބޭނުންވާ އިސްލާހުތައް ގެނައީމާ ރައްޔިތުން ބޭނުންވާ ކަން ކަމެއް ނޯވޭ. އެ މީހުން ހުއްދަ ނުދެއްޏާ މި ޕްލޭން ފާހެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިހާރު ހަތަރުވަނަ ފަހަރަށް ލޭންޑް ޔޫސް ޕްލޭން ހުށަހަޅާފައިވާ ކަމަށެވެ. އަދި މާލޭގެ ބިމުގެ ޕްލޭންގެ ހުރިހާ ކަމެއް ރަނގަޅު ކޮށްފައި ހުށަހެޅުމުން ވެސް މިހާ ގިނަ ދުވަސް ވަންދެން ފާސްނުވެ އޮތުމަކީ މާލޭގެ ތަރައްގީ ހިފެހެއްޓުމުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

comment ކޮމެންޓް