ގޫގުލް ވަން އިން ގެނެސްދޭ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން)ގެ ޚިދުމަތް، ޕިކްސެލް 7 އަދި ޕިކްސެލް 7 ޕްރޯ ބޭނުންކުރާ މީހުންނަށް އިތުރު ފީއެއް ނުނަގައި ގޫގުލްއިން ފޯރުކޮށްދޭން ނިންމައިފިއެވެ. ވީޕީއެން އަކީ އިންޓަނެޓް ބޭނުންކުރާއިރު ޕްރައިވެޓްކޮށް ތިބުމުގެ ފުރުސަތު ލިބިގެންދާ ރައްކާތެރި ޚިދުމަތެކެވެ.
ގޫގަލްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ޕިކްސެލް 7 މިދިޔަ ހަފުތާގައި ލޯންޗު ކޮށްފައިވާއިރު، ގޫގުލް އިން އެޕަލްއަށް އެތައް ގޮތަކުން ދަނީ ވާދަކޮށް ކުރިއެރުން ހޯދަމުންނެވެ. އެގޮތުން ރިޗް ކޮމިއުނިކޭޝަން ސާވިސަސް އެންޑްރޮއިޑް މެސެޖްތަކަށް ފުރިހަމައަށް ސަޕޯޓް ކުރާއިރު އެޕަލް އައިފޯންގެ އައިމެސެޖަށް އަދި އެ ފީޗާ އަންނާނެ ދުވަހެއް ނޭނގެއެވެ.
އަދި އޭގެ އިތުރުންވެސް ގޫގުލް އިން ވަނީ އެޕަލްއިން ތަޢާރަފް ނުކުރާ ބައެއް ފީޗާތަކެއް ވެސް އިއުލާންކޮށްފައެވެ. އޭގެ ތެރެއިން އެއް ކަމަކީ ގޫގުލް ވަން އިން އުފައްދާފައިވާ ވީޕީއެންއެވެ. އެއީ މުޅިން އާ ޚިދުމަތެއް ނޫން ނަމަވެސް ގޫގުލް ވަން ފީޗާއެއްގެ ގޮތުގައި މިހާތަނާޖެހެންދެންވެސް އެ ޚިދުމަތް އޮތުމުން އެ ހިދުމަތެއް އެނގޭނީ މަދު ބަޔަކަށް އެކަންޏެވެ. ނަމަވެސް ޕިކްސެލް 7 ސީރީޒް އާއެކު ގޫގުލް އިން ދަނީ އެޕަލްގެ ޕްރައިވެޓް ރިލޭއާ ވާދަވެރި ފީޗާއެއްގެ ގޮތުގައި އެ ފީޗާ މާކެޓް ކުރަމުންނެވެ.
ގޫގުލް ވަން އިން ގެނެސްދޭ ވީޕީއެން، ޕިކްސެލް 7 އަދި ޕިކްސެލް 7 ޕްރޯ ބޭނުންކުރާ މީހުންނަށް އިތުރު ފީއެއް ނުނަގައި ލިބޭނެ ކަމަށާއި، އިންޓަނެޓް ބޭނުންކުރާއިރު ޕްރައިވެޓްކޮށް ތިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގޫގަލްއިން ބުނެއެވެ.
ގޫގުލްގެ ވީޕީއެން އަކީ އާންމުކޮށް މަހަކު 9.99 ޑޮލަރުގެ އަގެއް ނަގަމުންއަންނަ ޕްރިމިއަމް ޕްލޭނެކެވެ. އޭގައި 2ޓީބީގެ ކްލައުޑް ސްޓޯރޭޖާއި ގޫގުލް ފޮޓޯސްގެ އެކްސްކްލޫސިވް ފީޗާސް ވެސް ހިމެނޭނެއިރު، ޕިކްސެލް 7 ނުވަތަ ޕިކްސެލް 7 ޕްރޯއެއް އޮތް ކޮންމެ މީހަކަށް ވެސް އޮޓޮމެޓިކުން ވީޕީއެންގެ ހިދުމަތް ލިބޭނެ ކަމަށް ގޫގުލް އިން ބުނެއެވެ.
ގޫގަލްއިން މި ޚިދުމަތް ތަޢާރަފްކުރި ނަމަވެސް ގޫގުލް އިން ވަނީ އެ ކުންފުނީގެ ވީޕީއެން ހިދުމަތަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ގޫގުލްގެ ވީޕީއެންގެ ޚިދުމަތް ލިބޭނީ ވަކި ގައުމުތަކަކުންކަމެވެ. މިސާލަކަށް ގޫގުލް ވަން އިންޑިއާގައި ލިބެން ހުރި ނަމަވެސް، އެ ކުންފުނީގެ ޓޮޕް ޓިއާ 2ޓީބީ ޕްލޭންގައި ވީޕީއެންގެ ޚިދުމަތް ހިމަނާފައެއް ނުވެއެވެ. ޕިކްސެލް 7 އަދި ޕިކްސެލް 7 ޕްރޯގައި ހިލޭ ވީޕީއެންގެ ޚިދުމަތްތައް މިހާރުވެސް ގޫގުލް ވަން ސަބްސްކްރިޕްޝަންގެ ބައެއްގެ ގޮތުގައި އެ ހިދުމަތް ލިބިފައިވާ ގައުމުތަކުގައި ލިބޭނެ ކަމަށް ގަބޫލުކުރުމަކީ ރައްކާތެރި ކަމެކެވެ.
ތިރީގައި މިވަނީ އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކެވެ.
- އޮސްޓްރިއާ
- އޮސްޓްރޭލިއާ
- ބެލްޖިއަމް
- ކެނެޑާ
- ޑެންމާކު
- ފިންލޭންޑް
- ފްރާންސް
- ޖަރުމަނުވިލާތް
- އައިސްލޭންޑް
- އަޔަލޭންޑް
- އިޓަލީ
- ޖަޕާން
- މެކްސިކޯ
- ނެދަލެންޑްސް
- ނޯވޭ
- ދެކުނު ކޮރެއާ
- ސްޕެއިން
- ސްވިޑެން
- ސްވިޒަލޭންޑް
- ޓައިވާނު
- އިނގިރޭސިވިލާތް
- އެމެރިކާ
ދެވަނަ ޝަރުތަކީ ވީޕީއެން މެދުވެރިކޮށް ބައެއް ޑޭޓާ އެއް ޑިވައިސްއިން އަނެއް ޑިވައިސްއަށް ނުފޮނުވޭނެ ކަމެވެ. އޭގެ މާނައަކީ ވީޕީއެންގެ ޚިދުމަތް ލިބުނަސް ބައެއް ކަހަލަ ޚިދުމަތްތައް ނުލިބޭނެކަމެވެ. ނަމަވެސް ގޫގުލްގެ ވީޕީއެން އަކީ އެހެން ވީޕީއެން ޚިދުމަތްތަކާ އެއްގޮތް އެއްޗެއް ނޫނެވެ. އެއީ ވެބް ޓްރެކް ކުރާމީހުންނަށް ތިމާގެ ސީދާ ލޮކޭޝަން ނުފެނުނަސް ބްލޮކް ކުރެވިފައިވާ ވެބްސައިޓްތަކަށް ވަނުމަށް ތިމާގެ ސިސްޓަމްގެ އައިޕީ ނުވަތަ ސަރަހައްދު ބަދަލު ނުކުރެވޭނެކަމެވެ.
"ވީޕީއެން އޮން ކުރާއިރު، ވަރުގަދަ އެންކްރިޕްޓް ކޮށްފައިވާ ޓަނަލެއްގެ ތެރެއިން ދަތުރުކޮށްގެން އޮންލައިން ޑޭޓާ ރައްކާތެރި ކުރެވޭ. ވެބްސައިޓްތަކުން ތިމާގެ ސަރަހައްދަށް ރަނގަޅު މައުލޫމާތު ދައްކާލުމުގެ ފުރުސަތު ދިނުމަށްޓަކައި، ގޫގުލް ވަން އިން އުފައްދާ ވީޕީއެން އިން ތިމާގެ މިހާރުގެ ގައުމަށް ބަލައިގެން އައިޕީ އެޑްރެހެއް ދޭނެ. ވެބްސައިޓްތަކުން ތިމާގެ ސަރަހައްދަށް ރަނގަޅު ކޮންޓެންޓް ދައްކައިދޭނެ. އެކަމަކު ވެބްސައިޓްތަކަށް މި އައިޕީ އެޑްރެސް ބޭނުންކޮށްގެން ތިމާ ހުންނަ ސީދާ ތަން ކަނޑައެއް ނޭޅޭނެ،" ގޫގުލް އިން ބުންޏެވެ.