ރަޝިއާ-ޔޫކްރޭން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމަށް ރަޝިއާއިން ބުނުމުން ނިއުކްލިއާ ހަނގުރާމައެއްގެ ބިރު ވަރަށް ބޮޑުކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ބައިޑެން ވިދާޅުވީ، މިފަދަ ބިރެއް މީގެ ކުރިން ހީފުޅުވީ 60 އަހަރު ކުރިން ކިއުބަން މިސައިލް ކްރައިސިސްގައި ކަމަށެވެ.
މީގެއިތުރުން ބައިޑެން ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރައްވާނެކަމުގެ އިންޒާރު ޕޫޓިން ދެއްވަނީ މަޖަލަކަށް ނޫން ކަމަށާއި، އޭނާގެ ސިފައިންނަށް އެންމެ ރަނގަޅަކަށް މަސައްކަތް ނުކުރެވުމުން ނިއުކްލިއާ ހަތިޔާރުގެ ވާހަކަފުޅު ދައްކަވަނީ ކަމަށެވެ.
ބައިޑެންގެ ވާހަކަފުޅާ ބެހޭގޮތުން އެމެރިކާގެ ވައިޓްހައުސްގެ ތަރުޖަމާނު ކެރީން ޖޭން ޕިއެރް ވިދާޅުވީ، ނިއުކްލިއާ ހަނގުރާމައިގެ ބިރު އޮތްކަމަށް ބައިޑެން ވިދާޅުވީ، ރަޝިއާގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ.
ނަމަވެސް އަވަސް މުސްތަގުބަލެއްގައިވެސް ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމަށް ހީފުޅުނުކުރައްވާ ކަމަށާއި، އެހެންކަމުން އެމެރިކާގެ ނިއުލްކިއާ ޕޮސްޗާއަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވަނީ ޕޫޓިން ދައްކަވާ ބިރަކަށް އެމެރިކާ ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.
ޔޫކްރޭނުން ވަނީ ނޭޓޯއާ ގުޅުމަށް ނިންމާފައެވެ. އަދި ޔޫރަޕުގެ އިއްތިހާދާ ގުޅުމަށްވެސް ނިންމާފައެވެ. މިއާއެކު ރަޝިއާއިން ވަނީ ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި ޔޫކްރޭނުގެ ބިމުގެ 15 އިންސައްތަކަމުގައިވާ ޔޫކްރޭނުގެ ހަތަރު ރީޖަނެއް ރަޝިއާގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ރަޝިއާ-ޔޫކްރޭން ހަނގުރާމަ ފެށިފައިވަނީ ޔޫކްރޭނުން ނޭޓޯއާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ. ރަޝިއާއިން ވަނީ ޔޫކްރޭން ހަނގުރާމައިގައި ކާމިޔާބު ހޯދުމަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ.