އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ސަދަމްޓަން ބަލިކޮށް ވަގުތީގޮތުން ތާވަލްގެ އެއްވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓާ ސިޓީ އާއި ސަދަމްޓަން ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކުރީ 0-4 އިންނެވެ. މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިމެޗުގައި ސިޓީއަށް ގޯލް ހުޅުވާލަދިނީ 20 ވަނަ މިނެޓް ތެރޭގައި ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަންސޭލޯއެވެ.
މެޗުގައި ފެނިގެންދިޔަ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 32 ވަނަ މިނެޓް ތެރޭގައި ފޯޑެންއެވެ. އޭނާ މި ލަނޑު ޖަހައިދިނީ ކެވިން ޑެ ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މުޅި މެޗުގައިވެސް ސިޓީން މޮޅަށް ކުޅެފައިވާއިރު، މެޗުގައި ސަދަމްޓަނަށް ލަނޑު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
މެޗުގައި ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ 49 ވަނަ މިނެޓް ތެރޭގައި ރޮޑްރިގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މަހަރޭޒެވެ. ސިޓީގެ އެންމެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ، މިހާރު އާދަޔާޚިލާފު ފޯމެއްގައި ހުރި ހާލާންޑެވެ.
މެޗުން މެންޗެސްޓާ ސިޓީ މޮޅުވުމުން އެޓީމަށް ވަނީ 23 ޕޮއިންޓާއެކު ވަގުތީގޮތުން ތާވަލްގެ އެއްވަނަ ލިބިފައެވެ. ތާވަލް މިހާރު އޮތްގޮތުން ސިޓީއަށްވުރެ އެއްމެޗު މަދުން ކުޅެ ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. މާދަމާ ރޭ އާސެނަލް އާއި ލިވަޕޫލް ކުޅޭމެޗުން އާސެނަލް މޮޅުވެއްޖެ ނަމަ އަލުން އެޓީމަށް ތާވަލްގެ އެއްވަނަ ލިބޭނެއެވެ.