އަންނަ އަހަރަށް ލަފާ ކުރާ 41 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު މި މަހު 31ވަނަ ދުވަހު ރައްޔިތުން މަޖިލީހަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފިނޭސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭސް މިނިސްޓްރީގެ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މި މަހު 31ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާއިރު އެއީ މި އަހަރުގެ ބަޖެޓާ އަޅައިބަލާއިރު ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަމަށެވެ.
އެގޮތުން މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓަކަށްވާއިރު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަން ޖެހިފައިވަނީ ޖުމުލަ 41 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
މިހާރު ކުރިއަށް ދަނީ ބަޖެޓްގައި ހިމަނާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް. އަދި ޕީއެސްއައިޕީގެ ބަޖެޓް އެކުލަވާލުމާއި ޕޮލިސީ ލެވަލްގައި ބަޖެޓްގައި ހިމަނަން ޖެހޭ ކަންކަން ނިންމުން،" އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ބަޖެޓް އެކުލަވާލަނީ މަޖިލީހާ ހިއްސާކޮށްފައިވާ މެދު ރާސްތާ އަދި ދުރު ރާސްތާގެ މާލީ ސިޔާސަތުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައްް ހާސިލްވާ ގޮތަށެވެ.
މީގެ އިތުރުން މި އަހަރުގެ ބަޖެޓް ބޮޑު ވެފައިވަނީ އެ ސިޔާސަތާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.