ފީފާ ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް

އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ، ލާއޯސް އާ ދެކޮޅަށް ކުޅެނީ--- ފޮޓޯ/އެފްއޭއެމް

އެންމެފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބި ރޭންކިންގެ 154 ވަނަ އަށް ޖެހިލައިފިއެވެ.

ފީފާއިން ނެރެފައިވާ މިދިޔަ ސެޕްޓެމްބަރު މަހުގެ ރޭންކިންއަށް ބަލާއިރު، ރާއްޖެ ވަނީ 154 ވަނަ އަށް ޖެހިލާފައެވެ. އޮގަސްޓް މަހު ރައްޖޭގެ ރޭންކިންއަކީ 156 ވަނައެވެ.

ރާއްޖޭގެ ރޭންކިން ކުރިއަށްޖެހިލާފައިވަނީ، މިދިޔަ މަހު ޤައުމީޓީމު ކުޅުނު އެކުވެރިކަމުގެ މެޗުތަކުން މޮޅުވުމެވެ.

މިގޮތުން މިދިޔަ މަހު ބްރުނާއީ އާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއިން ރާއްޖެ މޮޅުވިއިރު، ލާއޯސް އާ ދެކޮޅަށް ކުޅުނުމެޗުން މޮޅުވީ 3-1 ކުންނެވެ. ފީފާ ރޭންކިންއަށް ބަލާއިރު މި ދެ ޤައުމަކީވެސް ރާއްޖެއަށްވުރެ މާބޮޑަށްވެސް ރޭންކިން ދަށުގައި އުޅޭ ދެ ޤައުމެވެ. ފީފާ ރޭންކިންގައި ލާއޯސް 187 ވަނައިގަ އުޅޭއިރު ބްރުނާއީ އުޅެނީ 190 ވަނައިގައެވެ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަޓީމު ވާދަވެރި މެޗްތައް ނުކުޅޭ މައްސަލައިގަ ފުޓްބޯޅަ ސަޕޯޓަރުން ދަނީ އެފްއޭއެމަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރާއްޖެ ދެން އެންމެ އަވަހަށް އެކުވެރިކަމުގެ މެޗެއް ކުޅޭނީ ޕާކިސްތާނާ ދެކޮޅަށެވެ. ޕާކިސްތާނަކީ ސާކް ޤައުމުތަކުގެ ތެރެއިން ފީފާ ރޭންކިންގައި އެންމެ ދަށުގައި އުޅޭ އެއް ޤައުމެވެ. ފީފާ ރޭންކިންގައި ޕާކިސްތާން އުޅެނީ 194 ވަނައިގައެވެ.

comment ކޮމެންޓް