މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލުން ނިކުންނަނީ-- ފޮޓޯ/ސަން

މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،213،103 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 38.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ވަނީ 878،317 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަކީ، އިންޑިއާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި އެމެރިކާއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާގެ ފަތުރުވެރިންތަކެއް. އިންޑިއާ އަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެއް -- ސަން ފޮޓޯ

ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑުތަން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް އަލުން އުދުހުންތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ އުދުހުންތައް ފެށުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. ޗައިނާއަކީ ވޭތުވެދިޔަ އަހަރުތަކުގައި އެއް ޤައުމަކުން ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަ މަންޒިލެވެ.

ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި-- ފޮޓޯ: މޯލްޑިވްސް ނެޓް

މީގެ އިތުރުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޖަޕާނު ހުޅުވާލުމާއިއެކު އެޤައުމުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނޭކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. ކޮވިޑް ބަލިމަޑު ކަމުގެ ސަބަބުން މިހާތަނަށް އަދި ޖަޕާނު އޮތީ ބައިނަލްއަޤްވާމީ ދަތުރުތަކަށް މުޅިން ހުޅުވައިނުލައެވެ.

ޖަޕާނުގައި ރާއްޖެ އިސްތިހާރުކުރުމަށް މިދިޔަ ހަފްތާގައި ކުރިއަށްގެންދިޔަ ޖާޓާ ފެއާގެ ތެރެއިން ---- ފޮޓޯ/ އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޖަޕާނަކީވެސް ވަރަށް މުހިއްމު މާކެޓެކެވެ. ޖަޕާނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ޑައިވް ޕޮއިންޓްތަކުގެ މަޤްބޫލުކަން ވަރަށް ބޮޑެވެ. މީގެ އިތުރުން ޖަޕާނު މީހުންގެ މެދުގައި ރާއްޖެއަކީ ހަނީމޫނަށް އެންމެ މަޤްބޫލު މަންޒިލެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަންކަމުން ސަރުކާރުގެ އަމާޒަށް ވާސިލުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް