ކަނޑު ދިރާސާގެ ޑައިވް ނިންމާލައިފި

ކަނޑު ދިރާސާގައި ބައިވެރިވާ ނެކްޓަންގެ ޓީމު --- ފޮޓޯ/ ނެކްޓަން

ފުރަތަަމަ ފަހަރަށް ހުސް އަންހެނުން އެކުލެވޭ އެކުއަނޯޓުގެ ޓީމާއެކު ރާއްޖޭގެ ކަނޑުތަކުގެ ދިރާސާއެއް ހެދުމަށް ކުރިއަށް ގެންދިޔަ ޑައިވް މިޝަންތައް އިއްޔެ ނިންމާލައިފިއެވެ.

އެ ދިރާސާ އަކީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން ގުޅިގެން ރާއްޖޭގެ މޫސުން ދިރާސާކޮށް، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ވާނެ ގޮތްތައް ދެނެގަތުމަށް ކުރި ދިރާސާއެކެވެ.

އިއްޔެ އެ ޑައިވްތައް ނިންމާލައިފައިވާއިރު އެ ޑައިވްތަކަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މަހެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޑައިވްތަކަކެކެވެ.

އެ ދިރާސާތަކާ ގުޅިގެން ނެކްޓަން އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ މިޝަން މެދުވެރިކޮށް ހޯދިފައިވާ ހޯދުންތަކާ ގުޅޭ ގޮތުންނާއި ކުރިއަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ހޯމަ ދުވަހު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ހަމައެއާއެކު އެ ދިރާސާގެ ނަތީޖާތަކުގެ މައްޗަށް އެކުލަވާލާ ފުރަތަމަ ރިޕޯޓްގެ މަސައްކަތް ނިންމައި އާންމުކުރެވޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ނެކްޓަން އިން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ މެރިން ރިސާޗު އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ އެ މިޝަންގައި 40 ބައިވެރިން ހިމެނެއެވެ.

އޭގެ ތެރޭގައި 16 ދިވެހީން ހިމެނޭ އިރު، ދިރާސާއަށް ކަނޑުއަޑިއަށް ފީނާ ޓީމުގައި ރާއްޖޭގެ 10 މެރިން ސައިންޓިސްޓުން ހިމެނެއެވެ.

comment ކޮމެންޓް