އާނޯލްޑަށް ކިޔަމުން ދިޔަ ފާޑު ކިޔުންތަކަށް ރައްދު ދިނީ ރީތި ހިލޭ ޖެހުމަކުން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ރޭންޖާސް ބައްދަލުކުރި މެޗުގައި, އެލެކްސެންޑާ އާނޯލްޑަށް ކިޔަމުން ދިޔަ ފާޑު ކިޔުންތަކަށް އޭނާާ ރީތި ހިލޭ ޖެހުމަކުން ރައްދު ދީފިއެވެ.

މިދިޔަ ހަފުތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗުގައި އާނޯލްޑްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނި ބައި ކޮޅަށް ވަނީ ގޯލުތަކެއް ވަދެފައެވެ.

އެ މެޗަށް ފަހު ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އެ ޓީމު ކޮޅަށް އެ މެޗުގައި ވަތް ގޯލުތަކުގެ ޒިންމާ އާނޯލްޑް ނަގަން ޖެހޭކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. އަދި ދާދި ފަހުން އާނޯލްޑްގެ ކުޅުން ގޯސްކަމަށް ބުނެ އިނގިރޭސި ގައުމީ ޓީމުން ވެސް އޭނާ ވަނީ ބާކީ ކޮށްފައެވެ.

ނަމަވެސް ރޭގެ މެޗުގައި އޭނާ ވަނީ ރީތި ހިލޭ ޖެހުމަކުން ގޯލު ޖަހައި އެ ހުރިހާ ފާޑު ކިޔުންތަކަކަށް ރައްދު ދީފައެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ޗެމްޕިއަންސް ލީގުގައި ރެންޖާސްއާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން--ފޮޓޯ/ ރެންޖާސް

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސް ލިވަޕޫލުންނެވެ. އެ ގޯލަކީ މެޗުގެ ހަތް ވަނަ މިނެޓުގައި އާނޯލްޑް ހިލޭ ޖެހުމަކުން ޖެހި ގޯލެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އެ ޓީމުގެ ދެ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ލުއިޒް ޑިއާޒަށް ކުރި ފައުލަކަށް ދިިން ޕެނަލްޓީއަކުން ސަލާހު ޖެހި ގޯލެކެވެ.

އެ ގްރޫޕްގައި ދެން ހިމެނޭ ނަޕޯލީއާއި އަޔެކްސް ވެސް ރޭ ވަނީ ކުޅެފައެވެ. އެ ދެ ޓީމު ބައްދަލުކުރި މެޗު ނަޕޯލީން ކާމިޔާބުކުރީ 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އަޔެކްސްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އަޔެކްސްއިންނެވެ. އެ ގޯލަކީ މެޗުގެ ނުވަ ވަނަ މިނެޓުގައި މުހައްމަދު ކުންޑޫސް ޖެހި ގޯލެކެވެ.

ޗެމްޕިއަންްސް ލީގުގައި އަޔެކްސްއާއި ނަޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ނަޕޯލީ

އެ ގޯލާއެކު ނަޕޯލީގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ފަހަތުން އަރައި ހަ ގޯލު ޖަހައިފައެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ޖިއަކޯމޯ ރަސްޕަޑޯރީއާއި، ޖިއޮވާނީ ޑި ލޮރެންޒޯއާއި، ޕިއޮޓްރޭ ޒިއެލިންސްކީއާޢި، ކްވިޗާ ކްރަވަޝްކޭލިއާ އަދި ޖިއޮވާނީ ސިމިއޯނީއެވެ. އެ މެޗުގައި ރަސްޕަޑޯރީ ވަނީ ދެ ގޯލު ޖަހައިފައެވެ.

އެ ދެ މެޗުގެ ނަތީޖާތަކަށް ފަހު ގްރޫޕް އޭގެ އެއްވަނައަށް ނަޕޯލީ ވަނީ ޖެހިލައިފައެވެ. ކުޅުނު ތިން މެޗުން މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު ނަޕޯލީ އެއްވަނައިގައި އޮތްއިރު އެ އަދަދަށް މެޗު ކުޅެ ލިވަޕޫލަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އަޔެކްސްއަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ތާވަލުގެ ފުލުގައި ރޭންޖާސް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

comment ކޮމެންޓް