ދިވެހި ފަތުރުވެރިކަމުގެ ވާހަކަތައް ތާރީޚަށްޓަކައި ލިޔެ ރައްކާކުރަން ޖެހޭ: ރައީސް

ދިވެހި ފަތުރުވެރިކަމުގެ ބިންގަލާ ގުޅިފައިވާ ހަގީގަތްތައް ސާފުކޮށް ލިޔެ ތާރީޚަށްޓަކައި ރައްކާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ރަސްމީކޮށް ބާއްވާ އެންމެ ފަހު އަދި އެންމެ ކުލަގަދަ ހަފުލާ "ގާލާ އިވިނިންގް"ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން އުފަންވިގޮތް ތެދުބަހުން ލިޔެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭކަމަށެވެ.

އެގޮތުން ރާއްޖޭގައި ފަތުރުވެރިކަން ފައްޓަވައިދެއްވި ބޭފުޅުންނަށް ކުރިމަތިވި ގޮންޖެހުންތަކާއި މި މަސައްކަތް ފެއްޓެވި ގޮތާއި ކުރެއްވި ހިއްވަރު ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހި ފަތުރުވެރިކަމުގެ ތާރީޚުގައި އެންމެ ބޮޑު ބަދަލެއް ފެންނަން ފެށީ 1980ގެ މެދުތެރޭގެ އަހަރުތަކުގަ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ މިންނެތް މަސައްކަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެތެރެއިން ވެސް ޚާއްސަކޮށް އޮނަރަބަލް ގާސިމް އިބްރާހީމް މި ސިނާއަތުގައި އިންވެސްޓްކުރަން ފެށުމުން މުޅި ސިނާއަތައް އައި ހެޔޮބަދަލުތައް އަޅުގަނޑުމެނަށް ފާހަގަކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވުމާއެކު މަދުން ނަމަވެސް މާލެއާ ކައިރި ހިސާބުތަކުގައި ގެސްޓްހައުސްތައް ހިންގަން ފެށިކަމަށެވެ.

"ދެން އަޅުގަނޑުމެނަށް ފެނުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުން މުޅިން ހުއްޓުމަކަށް އައި މަންޒަރު،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދުވަސްތަކެއް މެދުކެނޑުމަށްފަހު ގެސްޓް ހައުސްތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ 2008ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ސަރުކާރުގެ ސިޔާސަތައް ގެންނެވި ބޮޑު ބަދަލާ ގުޅިގެންކަމަށެވެ. އަދި އެކަމުގެ ނަފާ މިހާރު މުޅި ރާއްޖެއަށް ކުރާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ސިނާއަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުންކަމަށެވެ. އަދި ސަރުކާރުގެ ދައުރަކީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނީ އޮނިގަނޑުގެ ތެެރެއިން އެކަންކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ޖީލުތަކުން ވެސް ޒުވާނުން ފަތުރުވެރިކަމާ ގުޅުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ފަތުރުވެރިކަން މިއަދު މިއޮތް ހިސާބަށް ގެނެސްދިނުމަށް އެހީތެރިވި އެންމެހާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

"...ހަމައެއާއެކު، ޒުވާން ޖީލެއް މި ޞިނާޢަތާ އަލަށް ގުޅިވަޑައިގެންނެވި. އެފަދަ ބޭފުޅުންގެ ނަންފުޅުތައް ވަކިވަކިން ދެންނެވުން އަޅުގަނޑަކަށް އެހާ ފަސޭހައެއް ނޫން. އެހެން ނަމަވެސް، ސަން ޓްރެވަލް ސިޔާމް އަދި ސަން ލޭން ގްރޫޕްފަދަ، މިތަނުން ފެންނަން އެބަ ތިއްބެވި އޭގެ ބައެއް ބޭފުޅުން. އެ ބޭފުޅުން ކުރެއްވި އަގުހުރި، ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކޮށް، އެބޭފުޅުންނަށް ވެސް ވަކިވަކިން އަޅުގަނޑު މިރޭ ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގެ އެންމެ ލަގްޒަރީ ޕްރޮޑަކްޓަކަށް ހެދުމަށް ސޯނޫ ޝިވްދަސާނީ ފަދަ ބޭރުގެ ބައެއް އިންވެސްޓަރުން ކުރެއްވި މަސައްކަތަކީ ވެސް، މިފަދަ ހަފްލާއެއްގައި ފާހަގަކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެއަކީ، ލަގްޒަރީ ހޮޓާ ރިޒޯޓްތަކުން ފެށިގެން ހުރިހާ ފަންތިއެއްގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް ކަމަށެވެ. އެކަމަށްޓަކައި ފަތުރުވެރިކަމުގެ ދައިރާއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެމުންދާ އެންމެނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

comment ކޮމެންޓް