ޖަލަށްލި، ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ އަލުން ރައީސްކަމަށް އިންތިޚާބުވުމުގެ ފުރުސަތު ބޮޑުވެއްޖެ

ލޫލާ އާއި ބޮލްސޮނާރޯ

ބްރަޒީލިއާ (3 އޮކްޓޯބަރު 2022): ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބުމުގެ ސަބަބުން ދެވަނަ ބުރަކަށް ދާންޖެހިއްޖެއެވެ.

ބްރެޒިލްގެ އިންތިޚުތަކާބެހޭ އިދާރާއިން ބުނިގޮތުގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓު ލިބިފައި ނުވާތީ މި މަހުގެ 30 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ތަރައްގީގެ ބާނީ ކަމަށް އެގައުމުގެ ގިނަ ބަޔަކު ދެކޭ ކުރީގެ ރައީސް ލުއިޒް ލޫލާ ޑި ސިލްވާ އަށެވެ. ވާތު ފިޔައިގެ ފިކުރުގެ ބޭފުޅެއްކަމަށްވާ ލޫލާގެ ވެރިކަމުގައި ބްރެޒިލްގެ ފަގީރުންގެ އެތައް މިލިޔަން ބަޔަކު ފަގީރުކަމުގެ ހާލަތުން އަރައިގަތެވެ. އަދި ފަގީރު އާއިލާތަކަށް މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތާއި ގެދޮރުވެރިކަން ލިބުނެވެ. ނަމަވެސް ކަނާތު ފިޔައިގެ ހަރުކަށި ބޭފުޅެއްކަމަަށްވާ ބޮލްސޮނާރޯގެ ވެރިކަމުގައި ފަގީރުން އިތުރަށް ފަގީރުވެ މުއްސަނދިން އިތުރަށްވީ މުއްސަންޖެވެ.

ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް ލޯލާ

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ލޫލާއަށްވަނީ ވޯޓުގެ 48.9 އިންސައްތަ ލިބިފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާފައިވަނީ މިހާރުގެ ރައީސް ޖައިރު ބޮލްސޮނާރޯއެވެ. ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ ވޯޓުގެ 44.2 އިންސައްތައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާގޮތަށް ހަމަޖެހިފައިވަނީ ލޫލާއާއި ބޮލްސޮނާރޯއެވެ.

ބޮލްސޮނާރޯއަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަހަލަ ޕޮޕިއުލިސްޓް ފިކުރުގެ ކަނާތު ފިޔައިގެ ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި ބްރެޒިލްގެ އިގްތިސާދު ދަށަށްގޮސް ތަރައްގީވަނީ މަޑުޖެހިފައެވެ. ބްރެޒިލްގެ އިގްތިސާދު ޖީ 20ގެ ގައުމުތަކުގެ ލެވެލްއަށް ގެންގޮސް ތަރައްގީވެފައިވާ ގައުމުތަކާ އެއްވަރަށް ބްރެޒިލްގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށްފައިވަނީ ކުރީގެ ރައީސް ލޫލާ ޑިސިލްވާގެ ވެރިކަމުގައެވެ.

ބްރެޒިލްގެ މިހާރު ރައީސް ބޮލްސޮނާރޯ

ބޮލްސޮނާރޯގެ ވެރިކަމުގައި ލޫލާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް އޭނާ ޖަލަށްލިނަމަވެސް ލޫލާވަނީ ޖަލުން ސަލާމަތްވެ ވަޑައިގެން ރިޔާސީ އިންތިޚާބުގައި ބޮލްސޮނާރޯ އާ ވާދަކުރައްވައި ބޮލްސޮނާރޯގެ މައްޗަށް އިންތިޚާބުގައި ކުރިހޯއްދަވާފައެވެ.

ބްރެޒިލްގެ ސިޓީއެއް ކަމަށްވާ ސައޮޕާލޯގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ދެއްވި ތަގުރީރެއްގައި ލޫލާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން އޭނާ 2002އިން 2010އަށް ވެރިކަން ކުރެއްވި އިރު ބްރެޒިލްގައި އޮތް ތަނަވަސްކަމާއި އިގްތިސާދީ އަދި އުމްރާނީ ތަރައްގީ އަލުން އެގައުމަށް ގެނަސްދެއްވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް