ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ނުވުން: ރައީސް

"މޯލްޑިވްސް ޓޫރިޒަމް އެވޯޑު" ހަފްލާގައި ރައީސް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރު ވެސް ތަރައްގީނުކުރެވި އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި "މޯލްޑިވްސް ޓޫރިޒަމް އެވޯޑު" ހަފުލާގައި ރައީސް ވިދާޅުވީ އެފަދައިން ދޫކޮށްފައިވާ ތަންތަނަކީ ދުރު ރާސްތާގެ ރޭވުމެއް ނެތި، ދޫކޮށްފައި ހުރި ތަންތަންކަމަށެވެ.

"ޚާއްޞަކޮށް އެމްއެމްޕީއާރްސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް ބަޔަކަށް ވިއްކައިލި އިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭކަމަށެވެ. އެހެންކަމުން އެ ތަންތަނުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުއީ ކޯޓުތައް މެދުވެރިކޮށް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

" އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން. އަދި އަލަށް ހަދާ ރިސޯޓްތައް ތަރައްގީ ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ސަރުކާރުން މިއަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އަދިވެސް އެބަހުރިކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ރާއްޖޭގެ ގުރުދަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތްކުރުމެވެ.

"ފަތުރުވެރިކަން އަލަށް ތަރައްގީކުރާ ރަށްތަކުގައި ވެސް، އިއާދަކުރަނިވި ހަކަތައަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، ރިސޯޓް އޯނަރުންނަށާއި އިންވެސްޓަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.

ރޭ ބޭއްވި "މޯލްޑިވްސް ޓޫރިޒަމް އެވޯޑު" ހަފުލާގައި ގިނަ ދާއިރާތަކަކުން މީހުންނަށް ވަނީ އެވޯޑު ދީފައެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސާއި ނައިބު ރައީސް ފައިސަލް ނަސީމެވެ.

comment ކޮމެންޓް