ސޮނީއިން 'ޓާޒަން' ފިލްމު އުފައްދަނީ

ސޮނީ ޕިކްޗާސްއިން އެޑްގާ ރައިސް ބޮރޯސްގެ ކެރެކްޓާ 'ޓާޒަން'ގެ ސްކްރީން ރައިޓްސް ހޯދާ ފިލްމެއް ހެދުމަށް ނިންމައިފިއެވެ.

ޓާޒަންއަކީ މީގެ އެތައް އަހަރެއް ކުރިން ނެރުނު ވާހަކައާއި ކާޓޫނުތަކުން ފެނި ގިނަ ބަޔަކަށް ކަމުދިޔަ ކެރެކްޓާއެކެވެ. މިއީ އެޑްގާ ރައިސް ބޮރޯސް އިން އުފައްދާފައިވާ ކެރެކްޓާއެކެވެ.

ހޮލީވުޑް ހަބަރުތައް ބުނާގޮތުން، ސޮނީ ޕިކްޗާސްއިން ވަނީ އެޑްގާ ރައިސް ބޮރޯސްގެ ކެރެކްޓާ 'ޓާޒަން'ގެ ސްކްރީން ރައިޓްސް ހޯދާ އެ ކެރެކްޓާ އަށް 'ޓޯޓަލް ރީއިންވެންޝަން' އެއް ދިނުމަށް ނިންމާފައެވެ. ފިލްމެއްގެ ގޮތުގައި އަލުން އާ ޓާޒަން އެއް ފެންނައިރު މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ ތަފްސީލެއް އަދި ނުދެއެވެ. ފިލްމު ޕްރޮޑިއުސަރާއި ލިޔުންތެރިންގެ މައުލޫމާތު ސޮނީ ޕިކްޗާސް އިން އެއްވެސް މީޑިއާއަކަށް އަދި ހިއްސާނުކުރެއެވެ.

ޓާޒަންގެ ވާހަކައަކީ ގިނަ ބަޔަކަށް އެނގޭ ތަފާތު ވާހަކައެކެވެ. ޖަންގަލީގައި ރާމާމަކުނުތަކަކާއެކު ބޮޑުވާ ޔަތީމު ކުއްޖަކަށް ޒުވާން އަންހެން ކުއްޖެއް ފެނި ލޯބިވެ އޭނާއާއެކު އިނގިރޭސިވިލާތަށް ދެވުމުން ދިމާވާ ކަންކަން މި ވާހަކައިން ދައްކުވައިދެއެވެ. އިނގިރޭސިންގެ ދިރިއުޅުމާއި ހަަޟާރަތުގެ ކުލަވަރު އޭނާއަށް ފެނި ކުރެވޭ އިހުސާސްތައް ގެނެސްދީފައި ވަނީ ތަފާތުގޮތަކަށެެވެ. މީގެ އިތުރުން، ނަސްލީ ތަފާތު ކުރުމުގެ ބައެއް މަންޒަރުތަކެއް ވެސް މި ފިލްމުގެ ހަގީގީ މާނައިގައިވާކަމަށް އެކި ފިލްމު ކްރިޓިކުން ބުނެއެވެ.

ނަވާރަ ސަތޭކަ ބާރައިގައި ނެރުނު މި ވާހަކައަށް ބިނާކޮށް ފިލްމާއި ޓީވީ ސީރީޒް އަދި ރޭޑިއޯ ޝޯތައް ވަނީ ހަދާފައެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނީ 1999ގައި ޑިޒްނީ އިން ނެރުނު އެނިމޭޓެޑް ފިލްމަށެެވެ.

comment ކޮމެންޓް