ލެވެންޑޯސްކީގެ ގޯލުން މޮޅުވެ ބާސާ އެއްވަނައަށް

ބާސާގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ބާސެލޯނާ

ސްޕެނިޝް ލަލީގާގައި މަލޯކާ ކޮޅަށް ރޮބާޓް ލެވެންޑޯސްކީ ޖެހި ގޯލުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ރޭ މަލޯކާގެ އަމިއްލަ ދަނޑުގައި ބާސާއިން އެ ޓީމު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނުނު ނަމަވެސް މެޗުގެ ހަމައެކަނި ތަފާތަކަށްވީ ލެވެންޑޯސްކީ މެޗުގެ 20 ވަނަ މިނެޓުގައި ޖެހި ގޯލެވެ.

ބާސާގެ އަންސޫ ފަޓީ ތަނަވަސްކޮށް ދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ލެވެންޑޯސްކީ އެ ގޯލު ޖެހީ މަލޯކާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހުގައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި މަލޯކާއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ހުސްކޮށް ބާސާގެ އޭރިއާ ތެރޭގައި ހުރެ ޖައުމް ކޯސްޓާ ފޮނުވާލި ހަމަލާ ދިފާއުކުރީ މި ސީޒަންގައި ބާސާއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބާސާގެ ކީޕަރު ޓާ ސްޓެގަންއެވެ.

މެޗުގެ 50 ވަނަ މިނެޓުގައި ވެސް މަލޯކާއަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. ސަންޗޭޒް ފޮނުވާލި އެ ބާރު ހަމާލާގެ ވެސް ހުރަހަކަށްވީ ސްޓެގަންއެވެ.

ބާސާގެ އެ މޮޅާއެކު އެ ޓީމު އެއްވަނައިގައި އޮތީ 19 ޕޮއިންޓާއެކުއެވެ. ނަމަވެސް ރެއާލް މިރޭ އޮސަސޫނާ އަތުން މޮޅުވެގެން އެ ޓީމަށް އެއްވަނައަށް އެރޭނެއެވެ. ރެއާލް ތާވަލުގެ ދެވަނައިގައި އޮތީ އެއް މަޗު މަދުން ކުޅެ 18 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ބަލިވި މަލޯކާ ތާވަލުގެ 10 ވަނައިގައި އޮތީ އަށް ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް