ނިއުސްޓާގެ ކުޅުންތެރިން ހަމަނުވުމުން އެންމެފަހުން މެޗު އޮފްއެފްސީއަށް ލިބިއްޖެ

މައިލޯ ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުގެ ތެރެއިން--- ފޮޓޯ/ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސް

މައިލޯ ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގައި މިއަދު ކުޅެންޖެހޭ މެޗަށް ނިއުސްޓާގެ ކުޅުންތެރިން ހަމަނުވުމުން މެޗު އޮފްއެފްސީއަށް ލިބިއްޖެއެވެ.

ކުޅިވަރު އެކުވެނީ އެއްނަންބަރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ނިއުސްޓާ ކުލަބާއި އޮފްއެފްސީ ކުޅެން ތާވަލުކޮށްފައި އޮތްނަމަވެސް މެޗު ވަގުތު ހަމަވިއިރު ނިއުސްޓާގެ ކުޅުންތެރިން ހަމަނުވުމުން އަމްޕަޔަރުން ނިންމީ އޮފްއެފްސީ މޮޅުވިކަމަށެވެ. މުބާރާތުގެ ޤަވާއިދު ބުނާގޮތުން މެޗް ފަށާގަޑީގައި އެންމެ މަދުވެގެން ނުވަ ކުޅުންތެރިން ހާޒިރުވާން ޖެހެއެވެ.

މިއަދު ކުޅުނު ދެވަނަ މެޗު ގައި ބައްދަލުކުރީ އައިޒީ އާއި މާލޭ ވެޓަރަންސްއެވެ. މިމެޗު 10 ވިކެޓުން ކާމިޔާބުކުރީ މާލޭ ވެޓަރަންސްއެވެ. ވިއްސާރަވުމުގެ ސަބަބުން މި މެޗުގައި އަމްޕަޔަރު ނިންމީ ކޮންމެ ޓީމެއް 15 އޯވަރުކުޅުމަށެވެ. ޓޮސް ދިމާވުމުން އައިޒީ ގަސްދުކުރީ ކުޅުމަށެވެ. އައިޒީ ކުޅެން އަރައި ފަސް ކުޅުންތެރިން ނުބައިވެގެން 15 އޯވަރުގެ ތެރޭ ހެދިފައިވަނީ 70 ލަނޑެވެ. އައިޒީން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 19 ލަނޑު ހެދި އަދުނާނެއެވެ.

ޖަވާބުގައި މާލޭ ވެޓްރަންސް ކުޅުންތެރިން އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 74 ލަނޑުހަދައިގެން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެންމެ ގިނަ ލަނޑު ހަދައިދީނީ 36 ލަނޑު ހެދި ޗަންދަނާއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ވެޓްރަންސްގެ ޗަންދަނާއެވެ.

comment ކޮމެންޓް