މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ މުހިންމު 14 ގަވާއިދެއް ނިންމުމުގެ މަރުހަލާގައި

އެމްއެސްއެސް އިން ރާއްޖެ ގެނައި ކޮންޓެއިނަރ ބޯޓު----

މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ހަދަން ޖެހޭ މުހިންމު 14 ގަވާއިދެއް ހެދުމުގެ މަސައްކަތް ވަނީ ނިންމުމުގެ މަރުހަލާގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ދުވަހާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ހަރުދަނާ ކުރުމަށްޓަކައި ސްޓްރެޓެޖިކް އެކްޝަން ޕްލޭންއެއް އެކުލަވާލައި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ އެހީގައި ކަންކަން ހަރުދަނާ ކުރުމަށް މިއަހަރު މަސައްކަޔް ފަށާފައިވާ ކަމަށެވެ.

އެގޮތުން މެރިޓައިމް ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ގަވާއިދުތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގަވާއިދާއި، އެ ފަރާތްތަކުގެ ތައުލީމާ ތަމްރީން އަދި ސަނަދާ ގުޅޭ ގޮތުން އެކުލަވާލާފައިވާ މުއާހަދާގެ ދަށުން ލާޒިމު ކުރާ ގަވާއިދުތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެކަމުގެ ސަބަބުން އެ ދާއިރާ ބިނާ ކުރުމަށް ތަމްރީނު ކުރެވޭ ފަރާތްތަކުގެ ކުރިއެރުމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެވޭނެ ކަމަށް މިިނިސްޓްރީން ބުނެއެވެ.

ކަނޑުދަތުރުފަތުރާ ބެހޭ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ނިއު ޓެކްނޮލޮޖީސް ފޯ ގްރީނާ ޝިޕިން" އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހުރިހާ ގޮތަކުން ބަލާއިރުވެސް މި ޝިއާރަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ޝިއާރެއް ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ވަރަށް ކުޑަކުޑަ ބަދަލަކުން ވެސް ރާއްޖެއަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް ތައްޔާރު ވާން ޖެހޭ ކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ސިނާއަތަށް ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުން ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ވަރަށް ގިނަ ކަންކަން ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ކެޕްޓަނުންނާ އިންޖިނޭރުން ތައްޔާރުކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 30 އޮފިސަރުން ތަމްރީނު ކުރުމަށް ވަނީ ނިންމަވާފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. އެ މިނިސްޓްރީން ބުނީ އެކަމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"2020 ވަނަ އަހަރު މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި ލައިނެއް ތައާރަފްކޮށް އެ ޝިޕިން ލައިންގެ މަސައްކަތް އަންނަނީ ހަރުދަނާ ކުރަމުން. މި ޝިޕިން ލައިންގެ ސަބަބުން ރާއްޖެއަށް މުދާ ގެނައުމަށާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރުމަށް އަދި މި ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އިތުރު ވަޒީފާގެ ފުރުސަތު ވަނީ ލިބެން ފަށާފަ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ބޭނުންވާ ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ އެ ދާއިރާއާ ގުޅޭ މައުލޫމާތު ސްކޫލުތަކުގެ ދަރިވަރުންނަށް ފޯރުކޮށްގެން ކަމަށެވެ.

ވުމާއެކު މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ "މެރިޓައިމް ސޭފްޓީ ވީކް" އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ކިޔާވާ ކުދިންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން މި މަހުގެ 22އިން 29އަށް ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަދި އެ ދާއިރާގައި ކުރިއަށް ދެވެންހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގާފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވުމާއެކު މި ދުވަސް ދިވެހިރާއްޖޭގައި ވެސް އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ފާހަގަކުރަމުންނެވެ.

comment ކޮމެންޓް