ރާއްޖެ ބަލިކޮށް ލަންކާއިން ރަންމެޑަލް ދިފާއުކޮށްފި

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރިމެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖެ ބަލިކޮށް އަވައްޓެރި ސްރީލަންކާއިން ދެކުނު އޭޝިއޭ ސަރަހައްދުގެ އެންމެބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރިމެޗް ސްރީލަންކާ ކާމިޔާބުކުރީ 72-59 ޕޮއިންޓުންނެވެ. މިމެޗުން ސްލީކަންކާއަށް ޗެމްޕިއަންކަން ލިބުނުއިރު، މިއަދު ހަވީރު ބޫޓާނާ ނޭޕާލް ބައްދަލުކުރި މެޗު ނޭޕާލް ކާމިޔާބުކުރުމުން އެޓީމަށް މިހާރު ވަނީ ރިހިމެޑަލް ކަށަވަރުވެފައެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ކުޅުނު މެޗު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދިޔަ ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރިމެޗުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖޭގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. ނަތީޖާއަކަށްވީ ސްރީލަންކާގެ ކުޅުންތެރިން ގިނަ ޕޮއިންޓްތަކެއް ހޯދުމެވެ. މިގޮތުން މި މެޗުގެ ފުރަތަމަ ކުއާޓަރުގެ ކުޅުން ނިމުނުއިރު 23-11 އިން ސްރީލަންކާ ލީޑު ނެގިއިރު، ދެވަނަ ކުއާޓަރުގެ ކުޅުން ނިމުނީ 46-22 އިން ސްރީލަންކާ ކުރީގައި އޮވެގެންނެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރިމެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ ތިންވަނަ ކުއާޓަރު ފެށުމާއެކުހެން ރާއްޖޭގެ ޓީމުން ވަނީ ކުރީ ދެ ކުއާޓަރަށްވުރެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކޮށްފައެވެ. މި ކުއާޓަރުގައި ރާއްޖޭ ޓީމުގެ ޝިއުރާ، އާއި ރިޝްމާގެ އިތުރުން ހައުމާގެ ކުޅުން ފާހަގަވިއިރު، ލަންކާގެ ޓީމުންވެސް ދިޔައީ ރާއްޖޭގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ.

ތިންވަނަ ކުއާޓަރު ނިމުނުއިރު، 59-37 އިން ކުރީގައި އޮތީ ސްރީލަންކާއެވެ. މެޗުގެ ތިން ވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ރާއްޖޭގެ ޓީމުން ޕޮއިންޓްތައް ހޯދިނަމަވެސް މި ކުއާޓަރުގައި ލަންކާއިންވެސް ބަނީ މޮޅަށް ކުޅެފައެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރިމެޗުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެބޮޑު އަންހެނުންގެ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަވައްޓެރި ސްރީލަންކާއިން މީގެކުރިން ހޯދާފައިވަނީ 2019 ވަނަ އަހަރެވެ. މި މުބާރާތުގައި އެންމެފަހުން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ލިބިފައިވަނީ ލޯ މެޑަލެވެ. ރާއްޖެ ވަނީ 2016 ވަނަ އަހަރު ބޭއްވި ބާސްކެޓްބޯޅަ މުބާރާތުންވެސް ލޯ މެޑަލް ހޯދާފައެވެ.

comment ކޮމެންޓް