އޭޝިއަން ކަޕް ކޮލިފައިންއަށް 17 އަހަރުން ދަށުގެ ގައުމީ ޓީމު ސައުދީއަށް ފުރައިފި

ސަތާރަ އަހަރުން ދަށުގެ އޭފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ސައުދީއަށް ފުރުން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ސައުދީއަރަބިއްޔާއަށް މިއަދު ފުރައިފިއެވެ.

އެ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގައެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގެ ހުރިހާ މެޗެއް ކުޅެން ހަމަޖެހިފައިވަނީ ސައުދީގައެވެ.

ރާއްޖެ ލައްވާލައިފައިވަނީ މޮޅެތި ޓީމުތަކެއް އެކުލެވޭ ގްރޫޕެއްގައެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނެނީ ސައުދީއާއި، މިޔަންމާއާއި، އިންޑިއާގެ އިތުރުން ކުވައިތެވެ.

ސަތާރަ އަހަރުން ދަށުގެ އޭފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ސައުދީއަށް ފުރުން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

ސަތާރަ އަހަރުން ދަށުގެ އޭފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ވެލެންސިއާގެ ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ)އެވެ. އޭނާއާއެކު ކޯޗިން ސްޓާފުންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުޙައްމަދު ހިމެނެއެވެ.

އެ މުބާރާތުގައި ރާއްޖެ ފުރަތަމަ ކުޅޭނީ ކުވައިތާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ނިކުންނާނީ ސަރަހައްދީ ގަދަ ބާރު އިންޑިއާއާ ދެކޮޅަށެވެ. އަދި ތިން ވަނަ މެޗުގައި ބުދަ ދުވަހު ރާއްޖެ ނިކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތަކުގެ ތެރޭގައި ހިމެނޭ ސައުދީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަންނަ މަހު ނުވައެއްގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅެން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް