ރައްޔިތުންގެ ތަކުލީފުތަކަށް ނިމުން ގެނެސް، 24 އަހަރު ފަހުން އުތީމަށް އާ އިންޖީނުގެއެއް

ރައްޔިތުންގެ ގިނަ ތަކުލީފުތަކަށް ނިމުން ގެނެސް 24 އަހަރު ފަހުން ހއ. އުތީމުގައި އާ އިންޖީނުގެއެއް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އުތީމުގައި ރަސްމީކޮށް އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ރަސްމިއްޔާތުގައި އެ މަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ފެނަކައިގެ ސީއީއޯ އަހުމަދު ސައީދެވެ.

މީގެ ކުރިން އުތީމުގައި ހުރި އިންޖީނުގެއަކީ 130 އަކަފޫޓުގެ އިންޖީނުގެއަކަށްވާއިރު އަލަށް މިއަދު ހުޅުވި އިންޖީނުގޭގެ ބޮޑުމިނުގައި 478.89 އަކަފޫޓު ހުރެއެވެ. ހަމައެއާއެކު އިންޖީނުގޭގެ އޮފީސް އިމާރާތުގައި 158.26 އަކަފޫޓުހުރެއެވެ.

އަލަށް ހުޅުވި އިންޖީނުގޭގައި ޑެގް ރޫމާއި ކޮންޓްރޯލް ރޫމާއި ވޯކް ޝޮޕާއި ޑޭ ޓޭންކާއި ޑީސަލް ޓޭންކް ހިމެނެއެވެ.

ހަމައެއާއެކު އޮފީސް އިމާރާތުގައި މީޓިން ރޫމާއި ރިސެޕްޝަނާއި ޖެނެރަލް އޮފީސް ހިމެނެއެވެ.

އުތީމުގައި އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އުތީމުގައި މީގެ ކުރިން ހުރި އިންޖީނުގޭގައި ޖެނެރޭޓަރުގެ ކެޕޭސިޓީއަކީ 700 ކިލޯ ވޮލްޓަށްވާއިރު އަލަށް ހުޅުވި އިންޖީނުގޭގައި ބެހެއްޓި ޖެނެރޭޓަރުގެ ކެޕޭސިޓީއަކީ 1000 ކިލޯ ވޮޓެވެ.

މީގެ ކުރިން އުތީމުގެ ރައްޔިތުންނަށް އެންމެ ބޮޑު އެއްތަކުލީފަކަށް ވެފައި އޮތީ މީހުން ދިރިއުޅޭ ސަރަހައްދުގައި އިންޖީނުގެ ހުރުމެވެ. އެހެންކަމުން އާ އިންޖީނުގެ ބަހައްޓާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.

އެ އާ އިންޖީނުގެއާއެކު އުތީމުގެ ރައްޔިތުންނަށް ފަސޭހަ ވާނެ ކަމަށް އެރަށުން "ސަން"އާ ވާހަކަދެއްކި މީހުން ބުންޏެވެ.

އެގޮތުން މީގެ ކުރިން އިވުނު ބާރު އަޑު ނީވޭނެ ކަމަށާއި ޖެނެރޭޓަރުތަކުގެ ކެޕޭސިޓީ ދަށް ކަމުން ކުރިމަތިވާ މައްސަލަތައް ދެން ދިމާނުވާނެ ކަމަށް އެ ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.

"ވަރަށް ގިނަ ދުވަސްތަކަކަށް ފަހު އާ އިންޖީނުގެއެއް މި ލިބުނީ. ބުނެދެން ނޭނގޭ ފަސޭހަ ހަމަ އަޅުގަނޑުމެންނަށް ވާނީ. ވަރަށް އުފާވެ ކުރީގަ އޮތް ގޮތް މާޒީވެ ދިޔައިމަ،" އުތީމުން "ސަން"އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

comment ކޮމެންޓް