މިއަދަކީ ރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަސް: މި ދުވަސް އެނގެނީ ކިހާ ވަރަކަށް؟

އުތީމު ގަނޑުވަރު -- ފޮޓޯ/ މޯލްޑިވްސް ސްޓޭސް

މިއަދަކީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. ގައުމީ ދުވަހަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި އެ ދުވަހެއްގެ ވާހަކަ ބަޔާން ކޮށްފައިވާ ހަމައެކަނި ދުވަހެއެވެ. މިނިވަންކަން މަތީގައި ދިވެހީން ދެމިތިބުމުގެ މައިގަނޑު މަސްދަރަކީ ވެސް ގައުމީ ދުވަހެވެ.

އެކަމަކު އުފެދޭ ސުވާލަކީ ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދުކޮށް ޝަހީދުވި އެފަދަ މަތިވެރި ބަތަލުންގެ ޒިކުރާ އައު ކުރާ ގައުމީ ދުވަސް އެނގެނީ އަހަރެމެންގެ ތެރެއިން ކިތަށް މީހުންނަށްބާއެވެ.

ގައުމީ ދުވަހަކީ ކޮން ދުވަހެއްތޯ ސުވާލުކުރުމުން ބައެއް މީހުންނަށް އެ ދުވަހާބެހޭ މައުލޫމާތު އެނގޭވަރު މަދުކަން ފާހަގަ ކުރެވުނެއެވެ. އެގޮތުން އެކި މީހުން ދިން ޖަވާބު ތަފާތެވެ.

"ގައުމީ ދުވަހަކީ އޮފީސްތަކާއި ސުކޫލްތައް ބަންދު ދުވަހެއްކަން އެނގޭ. ކަލަންޑަރުގައި އޮންނާނެ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް. ދެން ދަންޑަހެލުގެ ވާހަކަ އެނގޭ. އިތުރު އެއްޗެއް ނޭނގެ،" މިނިވަން ދުވަހާބެހޭ ގޮތުން ސުވާލު ކުރުމުން މީހަކު ބުންޏެވެ.

ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންގެ ލިޔުންތަކުގައިވާ ގޮތުން ނަމަ ޕޯޗްގީޒުން ރާއްޖެއަށް ވެރިވެގަތީ އެކެއް ޝަޢުބާން 965 ގައި ރާއްޖޭގެ ރަސްކަމުގައި ހުންނެވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށްފަހުއެވެ. އަލީ ރަސްގެފާނު ޝަހީދުވީ އިތުރު މީހަކާއެކު ގިނި ކަންޏާ ކަހަލަ ގޮތަކަށް ހަނގުރާމަ ކުރައްވަމުން ދަނިކޮށެވެ.

ތާރީޚީ ލިޔުންތަކުގައި ގަދަފަދަ ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ސިފަކޮށްފައިވަނީ ދިވެހި ކަނޑުތައް ދިވެހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ.

މިނިވަންކަން ފޭރިތުމަށްވުރެ، ބޮޑަށް ދިވެހީން ރުޅި ގަދަވީ ރާއްޖޭގައި އޮތް އިސްލާމް ދީން ފޮހެލަން ވެގެން ޕޯޗުގީޒުން ހިންގި ލާއިންސާނީ ޖަރީމާތަކާ ހެދިއެވެ. އެގޮތުން ގަދަ ބާރު ބޭނުން ކޮށްގެން ކަރަށް ރާ އެޅުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުމަކީ އެމީހުންގެ އާއްމު ކަމެކެވެ.

ޕޯޗުގީޒުންގެ މުށުތެރޭގައި 15 ވަރަކަށް އަހަރު ދިވެހީން އުޅުމަށްފަހު، ރާއްޖެއަށް މިނިވަންކަން ހޯދައިދިނުގެ މޭސްތިރިއަކީ އުތީމު ބޮޑު ތަކުރުފާނެވެ. ބޮޑުތަކުރުފާނުގެ ކުޑަ ލަޝްކަރުގައި ދެން ނުކުންނެވީ އަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަން ތަކުރުފާނާއި، އަލީ ހާޖީ އާއި ހަސަން ހާޖީގެ އިތުރުން އަލީ ދަންޑަހެލެވެ.

ބޮޑުތަކުރުފާނަކީ، ރާއްޖެ ދުށް އެންމެމަތިވެރި ގައުމީ ބަތަލެވެ. ގައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު ޕޯޗްގީޒު އިސްތިއުމާރުން ދިވެހި ގައުމުގެ ދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި ރައްޔިތުން ސަލާމަތްކޮށް ދެއްވި ހާދިސާއަށެވެ. އެ ހާދިސާ ހިނގާފައި ވަނީ އެކެއް ރަބީއުލްއައްވަލް 981 ގައެވެ.

ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގައެވެ.

އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގޮސްފައިވާ ކަން ތާރީޚުން އެނގޭކަށް ނެތެވެ.

comment ކޮމެންޓް