ދެ އަހަރަށްފަހު ހޮންކޮންގްއިން ކަރަންޓީން ކުރުން ނިމުމަކަށް ގެނެސްފި

ހޮންކޮންގް އެއާޕޯޓްގައި ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: ސީއެންއެން

ދެ އަހަރަށް ފަހު ބައިނަލްއަގުވާމީ ދަތުރުފަތުރު ކުރާ މީހުން ކަރަންޓީން ކުރުން ހޮންކޮންގްއިން ނިމުމަކަށް ގެނެސްފިއެވެ.

އޭޝިއާގެ "ބިޒްނަސް ހަބް"ގެ ގޮތުގައި މަޝްހޫރު ހޮންކޮންގްއިން މި ނިންމުން ނިންމާފައިވަނީ އެ އެސް.އޭ.އާރް (ޗައިނާގެ ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަން)ގެ އިގުތިސާދަށް ގިނަ ގެއްލުންތަކެއް ވަމުން އަންނާތީއެވެ. އަދި ވިޔަފާރިވެރިންގެ ނުރުހުމާއި ކަންބޮޑުވުން ހުރުމުގެ ސަބަބުންނެވެ.

ހޮންކޮންގުގެ ޗީފް އެގްޒެކެޓިވް ޖޯން ލީ ވިދާޅުވީ، އެ ގައުމުން ކޮވިޑް-19 ފެންނަ މިންވަރު ނިސްބަތުން މަދުވެފައިވާ ކަމަށާއި، އިގުތިސާދު އަލުން އިއާދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަރަންޓީން ކުރުން ނިމުމަކަށް ގެންނަ ކަމަށެވެ.

މިއާއެކު، ހޮންކޮންގަށް ދަތުރުކުރާ ފަރާތްތަކުން ތިން ދުވަހުގެ "ސެލްފް މޮނިޓަރިންގް" އެއް ފުރިހަމަ ކުރަން ޖެހެއެވެ. އަދި މި މުއްދަތުގައި ވަކި ޚާއްސަ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ނުކުމެ ހެދޭނެއެވެ. ހަމައެހެންމެ، ތިން ދުވަހުގެ މުއްދަތުގައި އެ ގައުމުގެ ޑިޖިޓަލް ހެލްތު ކޯޑުގެ ދަށުން އެމްބާ ކުލައެއް މީހަކަށް ދެވޭނެއެވެ. މި ކުލައިން އެމީހަކަށް ވަދެނުކުމެ ހެދޭނެ ތަންތަން އެނގިގެންދާނެއެވެ.

ތިން ދުވަހުގެ ސެލްފް މޮނިޓަރިންގް އެއް އޮތް ނަމަވެސް ހޮންކޮންގަށް ދަތުރުކުރާތާ ދެ ވަނަ ދުވަހާއި، ހަތަރު ވަނަ ދުވަހާއި، ހަ ވަނަ ދުވަހުގައި ރެޕިޑް އެންޓިޖެން ޓެސްޓް ހަދަން ޖެހޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ތަންތަނުގެ ތެރޭގައި ހޮންކޮންގުވެސް ހިމެނެއެވެ. ޗައިނާގެ ހުރިހައި ސަރަހައްދެއްގައި ވެސް ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު، ހޮންކޮންގުގައި ކުރިއަށް އޮތް ނޮވެމްބަރު މަހުގައި ބައިނަލްއަގުވާމީ ބޭންކިން ކޮންފަރެންސަކާއި، ހޮންކޮންގް ސެވެންސް ރަގްބީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު މި ބޮޑު އިވެންޓުތަކަށް ހޮންކޮންގަށް ޒިޔާރަތްކުރާ މީހުންނަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ.

ޗައިނާގެ ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަންއެއްގެ ގޮތުގައި އޮންނަ ހޮންކޮންގަކީ ވިޔަފާރީގެ މައި ހަބެކެވެ. ނަމަވެސް ޑިމޮކްރަސީއާ އެއްކޮޅަށް ބޮޑެތި މުޒާހަރާތައް އާންމުން ކުރާއިރު، އެ ސަރަހައްދުގެ އިގުތިސާދަށްވެސް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އަތުވެފައެވެ.

comment ކޮމެންޓް