ޔުއެފާ ނޭޝަންސްލީގް- ކްރޮއޭޝިއާ ގްރޫޕްގެ އެއްވަނަ ހޯދައި، ސެމީގެ ފުރުސަތު ބޮޑުކޮށްފި

ލަނޑު ޖެހުމަށްފަހު ކްރޮއޭޝިއާ ކުޅުންތެރިން އުފާ ފާޅުކުރަނީ--- ފޮޓޯ/ޕިކްސެލް

ޔުއެފާ ނޭޝަންސް ލީގްގައި ރޭ 1-2 އިން ޑެންމާކް ބަލިކޮށް، ކްރޮއޭޝިއާ ގްރޫޕްގެ އެއް ވަނަ ހޯދައި ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ކޮރޮއޭޝިއާގެ ވެރިރަށް ޒަގްރެބްގައި ކުޅުނު މިމެޗްގައި ކޮރޮއޭޝިއާއިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ 49 ވަނަ މިނެޓް ތެރޭގައި ބޯނާ ސޯސާއެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިންމާލީ ކްރޮއޭޝިއާ ކުރީގައި އޮވެގެންނެވެ.

މެޗުން ކްރޮއޭޝިއާ ލީޑް ނަގާފައިވަނިކޮށް ޑެންމާކުން ވަނީ 77 ވަނަ މިނެޓް ތެރޭގައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޑެންމާކަށް ޖަހައި ދިނީ ކްރިސްޓިއަން އެރިކްސަންއެވެ. ޑެންމާކުން މެޗް އެއްވަރު ކުރި ނަމަވެސް އޭގެ ދެ މިނެޓް ފަހުން ކްރޮއޭޝިއާގެ ލޮވްރޯ މަޖެއާވަނީ 79 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ކްރޮއޭޝިއާއަށް ލީޑް ނަގައިދީފައެވެ.

މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ކޮރްއޭޝިއާ އުޅެނީ ޔުއެފާ ނޭޝަންސް ލީގް ގްރޫޕް އޭގެ އެއްވަނައި ގައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ކްރޮއޭޝިއާއަށް ލިބިފައިވަނީ 10 ޕޮއިންޓްވެ. މެޗުން ބަލިވި ޑެންމާކަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

ރޭގެ މެޗުގައި ކްރޮއޭޝިއާ ކުޅުންތެރިން ބޭނުން ކޮށްފައި ވަނީ މިދިޔަ ހަފުތާގައި ދައްކާލި އެ ޓީމުގެ އާ ޖާޒީއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ކްރޮއޭޝިއާ ނިކުންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އޮސްޓްރިއާ އާ ދެކޮޅަށެވެ. ޑެންމާކް ނިކުންނާނީ ފްރާންސާ ދެކޮޅަށެވެ.

comment ކޮމެންޓް